ހުރިހާ ޖަލުތަކެއް އެއްކޮށްލައި ސެންޓަރަލް ޖަލެއް ހެދުމަށް ނިންމައިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
“ ދިވެހި ސަގާފީ ގޯތި “ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހުރިހާ ޖަލުތަކެއް އެއްކޮށްލައި ސެންޓަރަލް ޖަލެއް ހެދުމަށް ނިންމައިފައިވާ ކަމަށާއި އެއާއެކު ބޮލަކަށް ޖެހޭ ޙަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި ޖަލު ހިންގުމަކީ ވަރަށްބޮޑު ޙަރަދެއް ކަމަށްވާއިރު އެކަން ހައްލު ކުރުމަށް ދިރާސާ ތަކެއް ހަދައި ސެންޓަރަލް ޖަލެއް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ. އަދި މިހާރު މަހެއްގެ މައްޗަށް ބޮލަކަށް 27،000 ރުފިޔާ ޙަރަދުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ އެނގިވަޑައިގަންނަވާނެ ޖަލު ހިނގުމަކީ ވަރަށް ޙަރަދު ބޮޑު ކަމެއް، ދެންމެ ކޮމިޝަނާ ފާހަގަކުރެއްވި ގޮތަށް ޤާތްގަނޑަކަށް މަހެއްގެ މައްޗަށް 27،000 ރުފިޔާ ބޮލަކަށް ޙަރަދުވޭ މިހާރު ޖަލު މި ހިންގާ ނިޒާމުގެ ތެރެއިން، އަޅުގަނޑުމެން މިކަމަށް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި އެބަވޭ ރާއްޖޭގެ އެއް ސެންޓަރަލް ޖަލު ޤާއިމް ކުރުމަށް“ އިޙްސާނު ވިދާޅުވިއެވެ.
ސެންޓަރަލް ޖަލު 3 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެއާއެކު ޙަރަދު ކުޑަކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ބަދަލާއެކު 17،000 ރުފިޔާ ބޮލަކަށް ޖެހިގެންދާނެ ކަމަށް ވިދާވިއެވެ. މި ސެންޓްރަލް ޖަލު ޤާއިމުކުރުމަށް ނިންމާފައިވަނީ މާލެއާ ކައިރިން މިހާރު ހިއްކަމުންދާ ބުރިޖަކާއި ގުޅިގެން އަންނަ ސަރަޙައްދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އުންމީދަކީ ކުރިއަށް ދުވަސްތަކުގައި ޖަލުތަކަށް ކުރެވޭ ޙަރަދު ކުޑަކުރެވި، ޖަލުތަކުންނެރެވޭ ނަތިއްޖާ އިތުރުކުރުން ކަމަށެވެ. އަދި ޖަލުތަކުގައިވާ މީހުން އަވަހަށް ލިހަބަލިޓޭޝަން ކުރެވޭނެ މަގުތައް ހޯދުން ކަމަށެވެ.
”އެތަން ހެދި ތިން އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ޚިދުމަތަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިކުރިއަށްދަނީ. އެ ހިސާބުން ބޮލަކަށް ޖެހޭ ޚަރަދު ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ މިހާރުގެ ހިސާބުކިތާބުތަކުން ދައްކަނީ. އަޅުގަނޑުމެން ކުރާ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން،“ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޖަލު އޮފިސަރުންނަށް ލިބެންޖެހޭ އެންމެ ރަނގަޅު ބޯހިޔާވަހިކަމާއި ވެލްފެއާރގެ އެހެނިހެން ކަންކަން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަން ދެއްވައި ކަމެއް ކަމަށެވެ. އަދި ސެންޓަރަލް ޖަލެއް ހެދި ނަމަވެސް އެކި ކަހަލަ ކުއްތަކުގައި ތިބި ޤައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

