ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރާ ފީ ނެގުމުގެ އުސޫލު ބަދަލުކޮށްފި

ރިސޯޓެއްގައި ގެސްޓުންތަކެއް ޗުއްޓީ ހޭދަކުރަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރާ ފީ ދެއްކުމުގެ މުއްދަތަށް ބަދަލުތަކެއް ގެންނަން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް އޮންނަ މުއްދަތަށް ވަނީ ބަދަލު ގެންނަވައިފައެވެ.

އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/100,000 (އެއްލައްކަ ރުފިޔާ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 6 މަސްދުވަހުގެ ފަހުން ފައިސާ ދައްކައި ޚަލާސްކުރުމަށް ކުއްޔަށްހިފާ ފަރާތުން އެއްބަސްވާނެ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/200,000 (ދެލައްކަ ރުފިޔާ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް މި އިޞްލާހުގައި ކަނޑައަޅައިފައިވެ އެވެ.

މީގެ އިތުރުން، ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތަށްވެސް އިޞްލާހު ގެންނަވައިފައިވެއެވެ.

އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައި ވަނީ ޤާނޫނަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި -/5,000,000 (ފަސް މިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށެވެ. އަދި 6 (ހައެއް) މަސްދުވަހަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީ އެއްގެ ގޮތުގައި -/10,000,000 (ދިހަ މިލިއަން) އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން) ގެ (މ) ގެ (5) ވަނަ ނަންބަރާއި، 16-16 ވަނަ މާއްދާ (ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ކުއްޔަށްދީ ހިންގުން) ގެ (ބ) އަށް ގެނެވުނު އިޞްލާޙަށް ބަލާއިރު، އެ އިޞްލާޙަށްފަހު ކުއްޔަށްދޫކުރާ މުއްދަތު އިތުރު 49 އަހަރަށް ދެން އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރުމަށް މިހާރު ކަނޑައަޅައިފައިވާ -/5,000,000 (ފަސް މިލިއަން) ޑޮލަރު ދެއްކުމުގެ އިތުރުން، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ، އެ ދައްކައި ޚަލާސްކޮށްފައިވާނަމަ އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުއަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީގުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފަ އެވެ. މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: