ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ޗީއެޗްއެސްއީ) ގެ މާލޭގައި ހުންނަ އިމާރާތް އަލުން ހުޅުވާ ކިޔަވައިދޭން ފަށައިފިއެވެ.
ސޯޝިއަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މިއަދު މާލޭގައި މަތީ ޘާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ލިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ސްކޫލު ވެގެންދާނީ ފުރަމާލޭގައި ހުރި މަތީ ޘާނަވީއަށް ލިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތް ފަސޭހަ އަދި ދަރިވަރުންނަށް އުފާވެރޮ އުނގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށްކަމަށެވެ. މި ބަދަލާއެކު މަތީ ޘާނަވީއަށް އުނގެނުމަށް، މާލެ އާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.
އަމިނިއްޔާއާއި ސީއެޗްއެސްއީ ގުޅުވާ، އަމީނިއްޔާ ދަރިވަރުން ކިޔެވުމަށް ސީއެޗްއެސްސީގެ އިމާރާތް ދޭ ގޮތަށް ހަމަޖައްސައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ އަށް ގުޅުވާލަން ދިނީ އެ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވެ، ޖާގައިގެ ދަތިކަން ބޮޑުވުމުން ދިއުމާއެކު އެއްދަންފަޅިއަށް ބަދަލުކޮށް ދެ ސުކޫލު އެއްކޮށްގެން ކިޔެވުމަކީ ދަރިވަރުންނަށް ޖާގަ ތަނަވަސް ސުކޫލެއްގައި ކިޔެވުމަަށް ލިބޭނެ ފަސޭހަ އެއް ކަމަށްވާތީ ކަމަށެވެ.
ސީއެޗްއެސްއީ އަކީ މަތީ ޘާނަވީއަށް އުުނގެނުމަށް މާލޭގައި ހުރި ހަމައެކަނި ސަރުކާރު ސްކޫލްއެވެ. އެ ސްކޫލު ހުޅުމާލެ އަށް ބަދަލުކޮށް، ކިޔަވައިދޭން ފަށާފައިވަނީ 2022 ވަނަ އަހަރެވެ.

