ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އެއްކޮށްލެވޭނެކަމަށް ސަރުކާރުން ބުނެފި އެވެ.
އާދީއްތަ ދުވަހުގެ ކެބިނެޓު ބައްދަލުވުމުގައި ކުރި މަޝްވަރާތަކާއި އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ކުންފުނިތައް އެއްކޮށްލުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ނިންމުމަކީ އެމްއޭސީއެލްއާއި އާރުއޭސީއެލް އެއްކޮށްލައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެނައުމެވެ.
އޭގެ ކުރިން އެސްޓީއޯގެ ދަށަށް، ފެނަކަ ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.
ނިންމުންތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މި ބަދަލުގެ ސަބަބުން ދެ ކުންފުންޏަށް ކުރާނެ ފައިދާތައް ގިނަކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ހަނިމާދޫ ވެސް ހިމެނޭ ގޮތަށް އަށް އެއާޕޯޓެއް މި މަސައްކަތުގެ ތެރޭގައި މާޖު ކުރެވިގެންދާނެ އެވެ. އަދި މި ބަދަލަށް އަންނަ އަހަރުގެ ޖެނުއަރީ 31 އިން ފެށިގެން އަމަލު ކުރަން ފަށާނެކަމަށް ސައީދު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މިފަދަ ނިންމުންތަކެއް ނިންމަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވާފައި ވާތީ އެކަމަށް ސުވާލު ކުރުމުން ސައީދު ވިދާޅުވީ ބަދަލުގެ ސަބަބުން ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރެވޭނޭ ކަމަށެވެ.
އެހެންވީމާ 31 ޖެނުއަރީ 2025 އަށް މި މަސައްކަތް ނިމިފައި އޮންނާނީ… ކޯޕަރޭޓް ގަވަނަންސް އުސޫލުން ދެ ކުންފުނިން ނިންމަން ޖެހޭ ނިންމުންތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް
ސައީދު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅިއެކު އަށް އެއާޕޯޓު އެއްކޮށްލެވޭނެ ކަމަށެވެ.

