ކެބިނެޓުން ސީދާ ވަކި ގޮތެއް ނުނިންމެވި ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިއްސާ އާންމުންނަށް ވިއްކުމަށް މަޝްވަރާ ކުރެވުނުކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އެއް މަސައްކަތްތަކެއް ކުރާ އެސްއޯއީތަކާއި މުވައްސަސާތައް އެއްކުރާނެކަމަށް ހާމަކުރައްވާފަ އެވެ. އެގޮތުން ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލްއާއި އަތޮޅުތެރޭގެ އެއާޕޯޓުތައް ހިންގާ އާރުއޭސީއެލް އެއްކޮށްލައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެނައުމަށް ކެބިނެޓުން ވަނީ ނިންމާފަ އެވެ.
ކެބިނެޓުގެ ނިންމުންތަކުގެ މައުލޫމާތުތައް ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރުގެ އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ހޯމް މިނިސްޓަރ އަލީ އިހުސާންގެ އިތުރުން ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
ހަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވުމާއި އެކު، އޭގެ ރަނގަޅު ބަދަލު ފެންނާނެކަމަށް ވަޒީރުން ވިދާޅުވި އެވެ. އެކަން ފާހަގަކޮށް ސައީދު ވިދާޅުވީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލު ކުރުމުން ސަރުކާރުގެ ހުރިހާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫރުތައް ހިންގާނީ އެފްޑީސީގެ ތެރެއިން ކަމަށެވެ. އަދި އެޗްޑީސީގެ ރޯލަކީ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތައް ތަރައްގީ ކުރުން ކަމަށެވެ.
އެހެންކަމުން މި ބަދަލާއި އެކު ހުޅުމާލޭގެ ބަދަލުގައި މުޅި ރާއްޖޭގައި ވެސް އަސާސީ ބޯހިޔާވަހިކަން ސޯޝަލް ހައުސިން ފޯރުކޮށްދިނުމަށް އެންމެ ބޮޑު ރޯލެއް ކުޅޭ ކުންފުންޏަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން ހައިދަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުމަކީ އެޗްޑީސީއަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ހެދުންކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ އިތުރު ތަފްސީލެއް މަޝްވަރާތައް ނިމުމާއި އެކު ހާމަކުރައްވާނެކަމަށް ހައިދަރު ވިދާޅުވި އެވެ.

