ރައީސުލްޖުމްހޫރިއްޔާ އާންމުތަނެއްގައި އުޅުއްވާ މަންޒަރު ފެންނަ ގޮތަށް ފޮޓޯ ނަގައި އާންމު ކުރުން މަނާ އެއްވެސް ގާނޫނެއް ނެތީސް އެ އަމަލާއި ގުޅުވައި މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރެވޭނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލްއެއްގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި މައްސަލައިގައި ދިވެއްސެއްގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. ތަހުގީގު ކުރަމުން ދާ މައްސަލައެއްގައި ދިވެހި ފިރިހެނެއްގެ ފޯނު ހިފަހައްޓާފައިވާކަމަށް މީޑިއާތަކަށް ފުލުހުން ވެސް މައުލޫމާތު ދިނެވެ. އެކަމަކު އެއީ ކޮންކަމަކާއި ގުޅޭ ތަހުގީގެއްކަން ނޫސްވެރިން ސުވާލު ކުރުމުން ވެސް ޖަވާބުދީފައި ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ ރައީސް މުއިއްޒު އެމަނިކުފާނުގެ އާއިލާއާއި އެކު ސިންގަޕޫރަށް ކުރެއްވި އަމިއްލަ ދަތުރުފުޅުގައި އެމަނިކުފާނުގެ އާއިލާއަށް ފާރަލުމާއި ދިރިއުޅުއްވަމުން ގެންދެވިތަން އާންމުވާ ގޮތަށް ފޮޓޯ ނަގައި ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް އަމަލު ކުރިކަމުގެ ތުހުމަތަށެވެ.
މައްސަލައިގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ގާނޫނަކުން ކަނޑައެޅިގެން މަނާ ނުކުރާ ކޮންމެކަމެއް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އެ ހައްގު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށް ފާސްކުރާ ގާނޫނަކުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް. އެ ހައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރެވޭ ގާނޫނަކުން. ރައީސުލްޖުމްހޫރިއްޔާ އާންމު ތަނެއްގައި އުޅުއްވާ މަންޒަރު ފޮޓޯ ނަގައި އާންމުކުރުން މަނާކުރާ ގާނޫނެއް ނެތީސް އެ އަމަލާ ގުޅުވައި މީހެެއްގެ މައްޗަށް ޖިނާއީ ކުށްތަކެއްގެ ތުހުމަތުކޮށް ޒާތީ މުދާ އަތުލުމުގެ އަމުރަށް އެދުމާއި އެފަދަ އަމުރު ނެރެދިނުމަކީވެސް ކަންބޮޑުވާކަމެއް. މީ މި ދައުލަތުން ގާނޫނުގެ ވެރިކަމުގެ ސިފަތައް ނެތިގެން ދާކަމުގެ ނުރައްކަލުގެ ‘ފެހި ސިގްނަލެއް’. ޒާތީ މަސްލަހަތަށްޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމު ގަޑުބަޑު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަން
ފައްޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާންމުތަނެއްގައި އުޅުއްވާ މަންޒަރު ފެންނަ ގޮތަށް ފޮޓޯ ނަގައި އާންމު ކުރުން މަނާ އެއްވެސް ގާނޫނެއް ނެތީސް އެ އަމަލާއި ގުޅުވައި މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއްކޮށް ޒާތީ މުދާ އަތުލުމުގެ އަމުރަށް އެދުމާއި އެފަދަ އަމުރެއް ނެރެދިނުމާއި މެދު ކަންބޮޑުވާކަމަށެވެ. މިއީ ދައުލަތުން ގާނޫނުގެ ވެރިކަމުގެ ސިފަތައް ނެތިގެންދާކަމުގެ ސިފައެއްކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
މި މައްސަލައިގައި ފޯނު ހިފެހެއްޓި ނަމަވެސް، ފޮޓޯ ނެގިކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައި ވަނީ، ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފެހެއްޓީ ސިންގަޕޫރުން ރާއްޖެ އެނބުރި އައިތަނާ އެއާޕޯޓުންނެވެ.

