ހުޅުމާލެ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގި ވަގުތު ކަރު ދުއްވަން އިންކަމަށް ތުހުމަތު ކުރާ މީހާ ދޫވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއީ މިދިޔަ ޖުލައި، 31 ގައި ވިނަރެސް ފްލެޓުތަކާއި ކައިރި މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެ މަގުގެ އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު ހާދިސާ އެވެ.
އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވި އިބްރާހިމް އިކްރާމް ފުލުހުން ހައްޔަރު ކުރީ، އެރޭގެ ވަގުތެއްގަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުން އެ ނިންމުން ގޯސްކަމަށް ބުނެ މައްސަލަ ހައިކޯޓަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ އެވެ.
މައްސަލަ އިސްތިއުނާފުކޮށް އިކްރާމްގެ ފަރާތުން ބުނެފައި ވަނީ، ފުލުހުން އަމަލު ކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ.
ހައިކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމަށް ފަހު މިއަދު އޭނާ މިނިވަންވެފައި ވާތީ، ގިނަ ބައެއްގެ ފާޑުކިއުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. ފުލުހުންގެ ގިނަ ގޯސްތަކެއް ފާހަގަކުރި އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައި ވަނީ ފުލުހުން ކޯޓު އަމުރަށް އެދުނީ 06:44 ގައި ނަމަވެސް ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 07:23 ގައިކަމަށެވެ. އަދި މުވައްކިލުންގެ ފަރާތުން 08:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއން 09:52 ގައި ވަކީލު އައްޔަނު ކުރިކަމަށެވެ. ވަކީލު އައްޔަނު ކުރިކަން ވަކީލަށް އެންގީ 10:06 ގައި ނަމަވެސް 10:00 ގައި އޭނާ ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ފެށިކަމަށެވެ.
އަކްރަމް ބަންދު ކުރުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރީ، އޭނާއަށް ވަކީލެއްގެ ފުރުސަތު ދީފައި ނުވާތީ އެވެ.
ކޯޓު އަމުރުގައި ވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވެސް އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
މި މައްސަލައިގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަން ހިނގި ގޮތް ތަހުގީގުކޮށް ފުލުހުންގެ އިހުމާލެއް ވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި ދޫކޮށްލި މީހާ އަލުން ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާކަމަށް އިހުސާން ވިދާޅުވި އެވެ.

