ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ވާރކްސައިޓުތައް ކަމަށް ބެލެވޭ ތަންތަން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުކައި އެ ސައިޓުތަކަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ކޮންމެ ތިން އަހަރަކުން ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފައި ވަނީ އޮގަސްޓު 19 ގައެވެ. ގިނަ ބަދަލުތަކެއް އެ ގާނޫނަށް ގެންނަން ފާސްކުރި މި ބިލު ހުށަހަޅާފައި ވަނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހު ކުރުމުގެ ގޮތުންނެވެ. އަދި އެ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުމުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭ އަދަދު ކަނޑައަޅާނީ، އެސެސްމެންޓް ރިޕޯޓެއް އެކުލަވާލައި ކެބިނެޓުގެ މަޝްވަރާގެ މަތީންކަމަށް އިސްލާހު ގެނައުމަށް ފަހުކަމަށް ކަނޑައަޅާފަ އެވެ. އަދަދުތައް ކަނޑައެޅުމުގެ ކުރިޔަށް ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ޖެހޭއިރު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ގޮތެއް ނިންމާނީ އެ ކަރުދާހަށް ކުރާ މަޝްވަރާއަށް ފަހުއެވެ. އަދި ގޮތް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތަކުގެ ތެރޭގައި އެ ދާއިރާއަކުން ފަންނީ، އިލްމީ މީހުން ލިބެން ނެތުމާއި ބިދޭސީން އެ ދާއިރާއަކުން ވަޒީފާއަށް ނެގުމުގެ ސަބަބުން ކުރިއެރުން ލިބޭނެ މިންވަރެވެ.
މީގެއިތުރުން ކޯޓާ ކަނޑައަޅާއިރު ވަކި އަދަދަކަށް ވުރެ ގިނައިން އެ ގައުމަކުން ނުވަތަ ދާއިރާއަކުން ބިދޭސީން މަސައްކަތް ކުރަމުންދާ ނަމަ އެ އަދަދުގައި ހިފަހައްޓައި ކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރަންވާނެކަމަށް ބިލުގައިވެއެވެ.
ވަނީ ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީ ކުރުމާއި، ކަމާ ގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވޯކް ޕަރމިޓް ހެއްދުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.
ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ޖެހޭ ބިލުގެ ދަށުން މިއަދުން ފެށިގެން ބިދޭސީން ވަޒީފާއަދާ ކުރަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތޯ ނުވަތަ އެފަދަ ބިދޭސީން ވަޒީފާ އަދާ ކުރަނީ ހުއްދަ ކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ސައިޓުތައް ފާސްކުރެވޭނެ އެވެ.
ރާއްޖޭގައި ތިބި ޖުމްލަ ބިދޭސީންގެ އަދަދު މިހާތަނަށް ދެނެގެނަވިފައި ނުވާއިރު، މާލޭގެ ސަރަހައްދުގައި އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް ލަފާކުރެވެ އެވެ. އަދި ބަންގްލަދޭޝް މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރަ އެވެ.
ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަނީ، ގަވައިދާއި ހިލާފަށްކަމަށް ވެފައި އެ މީހުންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތެވެ. މިހާރު ކަމާއި ބެހޭ އިދާރާތަކުން ކުރިޔަށް ގެންދާ ޖޮއިންޓް އޮޕަރޭޝަންތަކުގެ ތެރެއިން ގަވައިދާއި ހިލާފަށް މަސައްކަތް ކުރަމުން ދާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހިފަހައްޓާފަ އެވެ.

