ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތް ބިނާވެފައި ވަނީ އިދިކޮޅުން ކިޔާ ފާޑުކިއުންތަކަށް ރައްދު ދިނުމުގެ އުސޫލުގެ މައްޗަށް ނޫންކަމަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ޚަބަރަފަހު ޕްރޮގްރާމުގައި މުފީދު ވިދާޅުވީ، ރައީސްގެ މަސައްކަތް ބިނާވެފައި ވަނީ ވާދަވެރިން ކިޔާ ފާޑަކަން ނޫން ކަމަށެވެ. އެއީ ރައީސްގެ މަސައްކަތ ބިނާވެފައި ވަނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނަތީޖާ ނެރެދިނުމަށް ވާތީކަމަށް މުފީދު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށް ގެންދިއުންކަމަށް މެމްބަރު ވިދާޅުވިއެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުން އައިނަމަވެސް، އިޤްތިސާދީ ގޮތުން ރާއްޖެ ފުން އަދަވަޅަކަށް ވެއްޓިފައި އޮތުމަކީ ބައެއްގެ އިޙުމާލުން ވެގެން ދިޔަ ކަމެއް ގޮތުގައި މެމްބަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ރައީސްގެ އިޤްތިސާދީ ސިޔާސަތަކީ ވަރަށް ހަރުދަނާ ސިޔާސަތެއް ގޮތުގައި ފާހަގަކުރެވިގެންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޤާނޫނީ ބަދަލުތަކާއި ނިޒާމީ ބަދަލުތައް ތަންފީޒު ކުރެއްވިޔަސް، ދިވެހި ރައްޔިތުންނަށް ކަންކަން ފަހި ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ޤައުމުގެ މާލީ ސިޔާސަތު ޙަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ޤާނޫނު އާއި ޤަވައިދުގެ ތެރެއިން ކުރައްވާނެ ކަމަށް މެމްބަރ މުފީދު ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅު ބިނާވެފައި މި ވަނީ، އަޅުގަނޑުމެން ވާދަވެރިން އެ ކިޔާ ފާޑަކަށް ނޫން، އަޅުގަނޑުމެން އެކަމަކަށް ކޮންމެހެން ނުޖެހޭ ބަލާކަށް. އަޅުގަނޑުމެން އަބަދުވެސް ވެރިކަމަށް އައިސް ކުރާ މަސައްކަތަކީ ޤައުމާއި ރައްޔިތުންނަށް އޭގެ އެންމެ ފައިދާހުރި ގޮތެއްގައި ކަންކަން ތަރުތީބު ކުރުވާލެވޭތޯ، އެއީ އަޅުގަނޑުމެންގެ ޒިންމާ
މީގެ އިތުރުން މެމްބަރު ވިދާޅުވީ، މަޖިލިހުގައި ކުރެވެނީ ފަހުރުވެރިވާ ފަދަ މަސައްކަތެއް ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ސަބަބެއް ގޮތުގައި މެމްބަރ ފާހަގަކުރައްވާފައި ވަނީ، އެމަނިކުފާނު 18 ވަނަ ރައްޔިތުން މަޖިލިހުގައި މަސައްކަތް ކުރެއްވިއިރު، ފެނިގެން ދިޔައީ ވަރަށް ހީވާގި އަދި ސިޔާސީ ގޮތުން ވެސް މަސައްކަތަށް ވަރަށް ތަރުހީބު ދެއްވައި ބޭފުޅެއް ގޮތުގައި ކަމަށެވެ. މެމްބަރު ވިދާޅުވީ، މަޖިލިހުގެ ރައީސްއަށް ސިޔާސީ ފާޑު ކިއުންތައް އަމާޒު ވަމުން އަންނަ ކަމަށެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ ނިޔަތުގައި ފިތުނަ އުފެދިގެންދާ ފަދަ ވާހަކަތައް ދެއްކި ނަމަވެސް އަދުގެ ސަރުކާރުގައި ތިބި ފަރާތްތަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށް ވަނީ ފާހަގަކުރައްވައި ފައެވެ.

