ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ހެއްކާއެކު ދައްކާލައިފިއެވެ.
ސޯޝަލް މީޑިއާގައި ދެ ގްރާފެއް މެދުވެރިކޮށް ތަފާސްހިސާބުތައް ހިއްސާ ކުރައްވާ ވަޖީހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެއަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ ބަދަލު ކަމަށެވެ. އޭނާ ވިދާޅުވީ އެ ގްރާފުން ފެންނަނީ ކޮންމެ އަހަރެއްގެ ވެސް އެވުރެޖްކޮށް މަހެއްގެ މައްޗަަށް ރާއްޖެ އަށް ކާގޯ އެތެތެ ކުރެވިފައިވާ މިންވަރު ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތާރީޚަށް ބަލާއިރު ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް ވަޒަން ކުރުމަށްޓަކައި އެ ގްރާފްގައި ދައްކުވައިދީފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ހުރީ 5،250 ޓީއީޔޫއެސްގައެވެ. އަދި އެ އަދަދު މިދިޔަ އޮގަސްޓު މަސް ނިމުން އިރު ހުރީ 5،375 ގައެވެ. ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު އެންމެ ދަށީ 2020 ވަނަ އަހަރުގައެވެ. އެ އަހަރު އެ މިންވަރު ހުރީ 3667 ގައެވެ. ޖެނެރަލް ކާގޯ އެތެރެކުރި މިންވަރަށް ބަލާއިރު 2018 ވަނަ އަހަރު އެވްރެޖުކޮށް އެތެރެކުރެވުނު މިންވަރު ހުރީ 8167 ގައެވެ. އަދި މިދިޔަ މަސް ނިމުނު އިރު އެ އަދަދު ހުރީ 12،625 ގައެވެ. ޖެނެރަލް ކާގޯ ވެސް އެންމެ މަދުން އެވްރެޖްކޮށް އެތެރެ ކުރެވިފައިވަނީ 2020 ވަނަ އަހަރުގައެވެ. އެ އަހަރު އަދަދު ހުރީ 7083ގައެވެ.
ވަޖީހު ވިދާޅުވީ ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ހެކި ފެންނަން އޮތް ކަމަށެވެ. މިއިން ދައްކައި ދެނީ، ރައީސް މުޢިއްޒުގެ ވެރިކަން ފެށުމާއި އެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާކަން ކަމަށެވެ.
އޭގެއިތުރުން، މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މިސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކު ވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

