މާކެޓުގެ އަގާއި އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައި ނުވާތީކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށް ވާތީއާއެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައި ވީ ނަމަވެސް، މަސައްކަތް ކޮށްފައި ވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމުގައެވެ. އަދި މަހުގެ އަގު ބަދަލު ކުރިއިރު، މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރަމުން ދިޔަކަމުގައި ވީ ނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.
އެގޮތުން ކުންފުނިން މިވަގުތު މަސައްކަތް ކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅު ވަންދެން 16 ރުފިޔާއަށް ވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށް ފަހު އަގު މައްޗަށް ޖެހުމުން، މަސްވެރިން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމުގައި މިފްކޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42 އިންސައްތަ ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16 ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރު ވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދެމުންދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރީންގެ ހައްގުގައި މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމުގައި މިފްކޯއިން ބުނެއެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމުގައި އެކުންފުނިން ބުނެއެވެ. އެހެން ކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން ކަން ފާހަގަކުރެއެވެ.
އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމުގައި އެކުންފުނިން ބުނެއެވެ. އެހެން ކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން ކަން ފާހަގަކޮށްފައިވެއެވެ.
އަމިއްލަ ބައެއް ފެކްޓަރީތަކުން އެފަރާތްތަކުގެ ޕްރޮސެސެސިންގ އަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށްވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރީން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ 80 އިންސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެއް ކަމަށް މިފްކޯއިން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ ކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ކަން މިހެން އޮތްއިރު ފެލިވަރު ކޭނަރީއަށް އެކަނި ބޭނުން ވާ ވަރަށް ބޮޑު އަގުގައި މަސްގަނެގެން ފަރުޖައްސާލެވޭނެ ގޮތެއް މިފްކޯއަކަށް ނޯންނަ ކަމަށެވެ.
މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށް ވާއިރު، އަހަރު ނިމެން ތިން މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަސް ކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެއް ކަމަށާ އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިއަހަރުގެ މި ހާލަތުގެ ސަބަބުން މަސްވެރިން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް ކުންފުނިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި، ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނޭ ކަމަށް މިފްކޯއިން ބުނެއެވެ. މީގެ އިތުރުން މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް އެކުންފުނިން އަޅަމުން އަންނަނީ މަސްވެރި އާއިލާއަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

