ކެންސަރު ހޮސްޕިޓަލް ޤާއިމު ކުރުމަށް ބޭނުންވާ އެކުއިޕްމެންޓްގެ އިތުރުން ވޭސްޓް މެނޭޖްމެންޓްކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ޒަމީރު ވިދާޅުވީ، އައިއޭއީއޭގެ މެންޑޭޓުގައި އެކަން ހިމެނިފައިވުމުގެ ސަބަބަން އެ މަސައްކަތް ކުރުމަށް ހެލްތް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މިހާރު މިކަންތައް ރާއްޖެއަށް މުހިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޖެންޑާގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުން އޮތްއިރު، އެކަމަށް ބޭހާއި އިކުއިޕްމެންޓް ހޯދަން އެޓޮމިކް އެޖެންސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާތީ ކަމަށެވެ.
މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި، ވޭސް މެނޭޖް ކުރުމާއި، މިކަމަކީ އަސްލު އައިއޭއީއޭގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަމެއް ވީމަ، އެކަންކަން ކުރުމަށްޓަކައި ހެލެތް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން ކުރަމުންދިޔަ މަސައްކަތެއް..
މިނިސްޓަރ ވިދާޅުވީ، ދުނިޔެއަށް އަންނަ ބަދަލާއެކު އެޓޮމިކް އެނާޖީއާއި ދިމާލަށް ދުނިޔެ ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި ރިނިއުބަލް އެނާޖީ، ހައިޑްރޯ ކާބަން ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އަދަދު މަދުވެގެން އަންނައިރު ރާއްޖެއިން އެކަމުގައި ބައިވެރިވެ، އެކަމުން ލިބެންހުރި ފައިދާ ލިބިގަތުން މުހިންމު ކަމަށެވެ.
މިހާރު ދުނިޔެއަށް އަންނަ ބަދަލާއެކު، އެޓޮމިކް އެނާޖީއާއި ދިމާލަށް ދުނިޔެ ދިއުމުގެ ފުރުސަތު އެބައޮތް… މިހާރު މިހިރަ ރިނިއުބަލް އެނާޖީއާއި އަދި ހައިޑްރޯ ކާބަން މިހާރު ދުނިޔޭގައި ބޭނުން ކުރުން މަދުކޮށް އެ ކަންކަމަށް ކުރިމަތި ވެގެންދާއިރު، އެހެންމަ ރާއްޖެއިންވެސް ބައިވެރި ވެގެން މީގެއިން ލިބެންހުރި ބެނެފިޓްތައް ހޯދަންޖެހޭނެ..
އެގޮތުން އެޓޮމިކް އެނާޖީ އެޖެންސީގައި ބައިވެރި ވުމަށް ވަޒީރުންގެ މަޖިލިހުން ނިންމައިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި އެޖެންސީގައި 178 ގައުމަކުން ބައިވެރިވެފައިވާ ކަން ފާހަކޮށް މިނިސްޓަރ ވިދާޅުވީ، އަދި މިހާތަނަށް ރާއްޖެއިން މި އެޖެންސީގައި ބައިވެރި ވެފައި ނުވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން މި އެޖެންސީގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

