ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ރައީސްތަކާއި ޙިލާފަށް މަޝްވަރާކުރައްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމެވީ ވަޒީރު ޝިޔާމުއާއި މަޝްވަރާ ނުކޮށް ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ޙަބަރު ފަތުރަމުންދާތީ އެވެ.
އެކަމަށް ރައްދުދެއްވައި ވަޒީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ވަރަށް ގިނަ ރައީސުން ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ތަޖުރިބާ ކުރެވިގެންދަނީ މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރާ ކުރައްވަންޖެހޭގޮތަށް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާތަން ކަމަށެވެ.
ވަޒީރު ވަނީ ރައީސް މާލެ ސަރަޙައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމައްވާ، ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، އަދި މާލެ ރަށްވެހިންގެ ޖަމުޢިއްޔާގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ވަނީ ރައީސާ ހިއްސާ ކުރައްވައިފައެވެ.
ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ނުދޭން ނިންމިކަން ހާމަކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ނިންމެވުން ރައީސް ނިންމެވީ 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ‘ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ‘ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކަކާއި ރައީސް ގެންދަވަނީ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވަމުންނެވެ.
ސަރުކާރުން ބުނީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށެވެ.
ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމިއިރު އެ ނިންމުން ނިންމާފައި ވަނީ ވެސް ފަރުތަކުގެ ދިރުންތަކާއި ކަޅުބިލަ މަހުގެ މަސްވެރިންނަށް އަސަރު ނުފޯރާނެހެން އިގުތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުންނެވެ.
ފިޝަރީޒް މިނިސްޓްރީ ކުރިން ބުނެފައި ވަނީ ލޭނު މަސްވެރިކަމުގެ ބޭނުމަކީ ދިވެހި މަސް ކަނޑުތަކުން ގައުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އިންޑިއާ ކަނޑުން ކަންނެލި ބާނަން ގައުމުތަކަށް ދީފައި އޮންނަ ކޯޓާގެ ތެރެއިން ރާއްޖެއަށް ލިބިފައިވާ 47،000 ޓަނުގެ ކޯޓާ ފުރިހަމައަށް ބޭނުން ކުރުންކަން ފާހަގަކުރިއެވެ.

