މަސްވެރިންގެ އަތުން ކިރާފައިވާ ކަނޑުމަހުގެ ފައިސާ އޮޑިވެރީންނަށް ޖަމާކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.
އޯގަސްޓް މަހުގެ 9 އިން 23 އަށް 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެއީ 7 މިލިއަން ރުފިޔާއެވެ. ދެން މިފްކޯއިން ދޫކުރާނީ އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާކަމަށް މިފްކޯއިން ބުންޏެވެ. އެ މުއްދަތުގެ ތަފްސީލް އެނގޭނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުންކަމަށާއި، އަދި އެ މުއްދަތު ހަމަވުމުން އެ ފައިސާވެސް ވީހާވެސް އަވަހަށް އޮޑިވެރީންނަށް ޖަމާކޮށްދޭނެކަމަށް ކުންފުނިން ބުންޏެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައި ފަހުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިއްޔެ މިފްކޯއަށް ކިރި މަހާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ކުންފުނިން ބުނި ގޮތުގައި އިއްޔެ 43 ދޯންޏަކުން 121.8 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ.
ސަރުކާރާއި މިފްކޯގެ ކޭޝްފްލޯގެ ދަތި ނަމަވެސް އެ ކުންފުނީގެ ބޯޑާއި މެނޭޖުމެންޓުގެ އިތުރުން، ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީއިން ގުޅިގެން ކުރެވޭ މަސައްކަތުގައި ސަރުކާރުން ލިބޭ އެހީތެރިކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

