މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް އޭނާގެ ކަރުގައި ވަޅިއެއް ޖައްސައިގެން އިންޒާރު ދިން މަންޒަރު ވެގެން ދިޔައީ ރާއްޖޭގައި ބަޔަކަށް ހާމަކަން ބޮޑުކޮށް ފެނުނު މިފަދަ ފުރަތަމަ ހާދިސާއަށެވެ. މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި ކުށުގެ ތުހުމަތު ކުރެވޭ އާދަމް އަތުހަރު، 32 އަހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އާދީއްތަ ދުވަހު ވަނީ މަރުވެފަ އެވެ.
އެއާއިއެކު އުފެދުނު ބަހުސްތަކަށް އިތުރުވީ، އޭނަ މަރުވީ ޖަލު ގޮޅީގައި ފުލުހުން އަނިޔާ ކުރުމުން ތޯ ނުވަތަ ހަގީގަތަށް ވެސް ދަންޖެހުނުތޯ އެވެ. ޖަލު ގޮޅިއެއްގައި ދަން ޖެހެން މީހަކަށް ބޭނުން ކުރެވިދާނެ އާލަތްތަކެއް ހުރެދާނެތޯ ސުވާލު އުފެއްދި މީހުން ވެސް ތިއްބެވެ.
އަތުހަރުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ފުލުހުންކަމަށް ބުނަމުން ދަނިކޮށް ރޭ އިސްކަންދަރުކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމަކީ މައްސަލައިގެ ބާވަތުން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމަކީ ވީޑިއޯ ނުވަތަ އޯޑިއޯ އަދި އެ ނޫންވެސް ގޮތަކަށް އެއްވެސް އެއްޗެއް ރިކޯޑް ކުރުމުގެ ހުއްދަ ދީގެން ބޭއްވި ބައްދަލުވުމެއް ނޫނެވެ. އެ ބައްދަލުވުމުގައި ޖަލު ގޮޅީގެ މަންޒަރު ފެންނަ ރޯ ފުޓޭޖު މީޑިއާތަކަށް ފުލުހުން ދެއްކި އެވެ.
އޮފް ދަ ރެކޯޑުގައި، ކެމެރާ ނުވަތަ ފޯނު ވެސް ނުވެއްދޭ ގޮތަށް އެ ވީޑިއޯ ފުލުހުން ދެއްކުމުން ސާފުވި އެއްކަމަކީ ގޮޅީގައި އަތުހަރަށް ފުލުހުން އަނިޔާއެއް ދީފައި ނުވާކަމެވެ. އެހެން ނަމަވެސް ދަންޖެހެން މަސައްކަތްކޮށް، ހަރަކާތެއް ނެތި 30 މިނެޓު ގޮޅީގައި އޮވެއެވެ. އެ ހުރިހާ ވަގުތެއް ހިނގައިދިޔައިރު، އަދި އޭނާ ގޮޅީގައި އެކަމަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް ފުލުހުންނަށް އެކަން ނޭނގެ އެވެ.
މި ވީޑިއޯއަށް ފަހު ނޫސްވެރިންނަށް ސީދާ ވީޑިއޯއާއި ގުޅުވައި ސުވާލު ކުރުމަށް ހުޅުވާލުމުން، ގިނަ ނޫސްވެރިން ފާހަގަކުރީ އަތުހަރު ގޮޅީގައި ދަންޖެހުނުކަން އެނގެން ފުލުހުން ނެގި ވަގުތެވެ. އަދި އެކަމަށް ބޮޑު ސުވާލެއް އުފައްދަން ޖާގަ ލިބެނީ މީގެ ދެ މަހެއް ކުރިން ޖަލު ބަންދުގައި ހުރި މީހަކު ވެސް ގޮޅީގައި ނިޔާވިތާ 15 ވަރަކަށް މިނެޓު ފަހުން އެކަން އެނގުމުންނެވެ. އޭރު ހޯމް މިނިސްޓަރ އަލީ ސިހުސާން ވިދާޅުވީ ޖަލު ގޮޅިތައް މޮނީޓަރ ކުރުމުގެ އުސޫލު ހަރުދަނާ ކުރާނެކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ތަހުގީގެއް ދަނީ ކުރިޔަށެވެ. އެހެންކަމުން ތަހުގީގަށް އަސަރުކޮށްފާނެ މައުލޫމާތެއް ދެވެން ނެތްއިރު، ވީޑިއޯގެ އިތުރަށް ފުލުހުން މީޑިއާތަކަށް ހިއްސާ ކުރާނެ ވާހަކައެއް ނެތެވެ.
ދޫނިދޫ ގޮޅީގައި އަތުހަރު ދަންޖެހުނު މަންޒަރު ފެންނަ ފުޓޭޖު ދެއްކުމުގެ ކުރިން، އެ ވީޑިއޯ ފުލުހުން އޭނާގެ އާއިލާއަށް ދެއްކި އެވެ. ނޫސްވެރިންނަށް ވީޑިއޯ ދެއްކި ސަބަބަކީ ކޮބައިތޯ އުފެދޭ ސުވާލުގެ ޖަވާބަކީ ޖަލު ގޮޅީގައި އަތުހަރަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ ބަހުގައި ހަގީގަތެއް ނެތްކަން ބުނެދިނުމެވެ. ހާދިސާގެ ބާވަތުންނާއި މައްސަލައިގެ ނާޒުކުކަމުން އެއީ އާންމުންގެ ތެރެއަށް ދޫކޮށްލެވޭނެ ނުވަތަ މީޑީއާތަކަށް ރެކޯޑުކޮށް ދެއްކޭނެ ވެސް މަންޒަރެއް ނޫނެވެ.
ރޭގައި އެ ބައްދަލުވުމަށް ދިއުމާއި ހަމައަށް އަޅުގަނޑުގެ ހިތުގައި އުފެދިފައި އޮތް އެއްސުވާލަށް ޖަވާބު ލިބުނެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ އަތުހަރު ރަހީނު ކުރި އަންހެން ކުއްޖާ ސަލާމަތް ކުރުމަށް ފުލުހުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް ފަހު އޭނާ ހުރީ ކިރިޔާ ވެސް ހިނގާބިގާވެ އުޅެވޭ ހާލަތުގައިތޯ އުފެދުނު ސުވާލެވެ. އެއަށް ޖަވާބެއް ލިބުނަސް، ވީޑިއޯގައި ފެނުނު މަންޒަރާއި އެކަމަށް އޭނާ ހޭދަކުރި ވަގުތާއި އަދި އެއަށް ފަހު ދަންޖެހި ހަރަކާތެއް ނެތި އޮތް 30 ވަރަކަށް މިނެޓުގެ ވާހަކައަށް ސުވާލު އުފެދެ އެވެ.
24 ގަޑިއިރު މޮނީޓަރ ކުރެވޭ ގޮތަށް ހުރި ތަނެއްގައި، މީހަކަށް ހަމަލާދޭން އުޅުނު މީހެއް އަދި އަމިއްލަ ނަފްސަށް އަނިޔާއެއްދީފާނެކަމުގެ އިންޒާރު ދިން މީހެއްގެ އަމަލުތައް ގާތުން ފުލުހުން ބަލަން ޖެހެ އެވެ. އެކަމަށް ލިޔެފައިވާ އެސްއޯޕީތަކެއް ހުރިނަމަވެސް ރޭގައި އެކަމަށް މާބޮޑު ތަފްސީލެއް ނުލިބެ އެވެ. އެފަދަ މީހަކު ގާތުން ބަލާނެ ހާލަތްތަކެއް ހުންނާނެކަމަށް ފުލުހުން ބުނި ނަމަވެސް، އެ ސްޓޭޖު ކަނޑައަޅަނީ ކިހިނެއްތޯ އާއި އެކަން ބަލާގޮތުގެ ތަފްސީލު ލިޔެވިފައި އަސްލު ނެތްކަން ފުލުހުންގެ ވާހަކައިން ހާމަވެ އެވެ.
ދެން އޮތީ ޖަލުގައި ބައެއް މީހުން އެފަދަ ގޮތަކަށް އަމަލެއް ހިނގަފާނެކަމަށް ބަލައި، އެ މީހުންނަށް ބޭނުންވާ ތަކެތި ދިނުމުގައި ވެސް އުސޫލެއް ގެންގުޅުމެވެ. މިސާލަކަށް، އެކަކަށް ބޭނުން ކުރަން ލިބުނު އެއްޗެއް ދެވަނަ މީހާ ހުރި ހާލަތަށް ބަލައި ނުލިބިދާނެ އެވެ. އަދި ހުށަހެޅިދާނެކަމަށް ބަލެވޭ އެއްޗެއް ވެސް ނުދޭނެ އެވެ. އޭގެ ތެރޭގައި ރީތިވާ ސާމާނު ހިމެނެ އެވެ. މިއީ ފުލުހުން ބުނި ގޮތެވެ. އެކަމަކު އަތުހަރުގެ ނަފްސާނީ އެފަދަ އަސަރުތަކެއް ހުރިކަން ފުލުހުން ބެލިތޯ ނުވަތަ ނޫންތޯ ސާފުވާނީ އަދި ފަހުން ހާމަކުރާ މައުލޫމާތުތަކުންނެވެ.
އެކަމަކު އަތުހަރު އެރޭ އަންހެން މީހާގެ ކަރުގައި ޖައްސައިގެން ހުރި ވަޅީގެ އިތުރަށް، އަމިއްލަ ކަރުގައި ވަޅިއެއް ޖައްސައިގެން އިންޒާރުދޭ އެހެން ވީޑިއޯއެއް ފުލުން ނޫސްވެރިންނަށް ދެއްކި އެވެ. އެހެންކަމުން އަތުހަރު އެކަނި ގޮޅީގައި ހުރެ، އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން މަސައްކަތް ކުރުމުގެ ވިސްނުމެއް ނުހުރެދާނެކަމަށް ފުލުހުން ދުށުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް އަނިޔާ ލިބިފައިވާއިރު، އެއީ ކިހާވަރެއްގެ ބޮޑު އަނިޔާއެއްކަން ބުނެދީފައި ނުވެ އެވެ. އެކަމަކު ދަންޖެހުނު ވަގުތު ގޮޅީގައި ހުރިއިރު ބޮލުގައި ބެންޑްއެއިޑު ހުރިތަން ފެނެ އެވެ. ބޮލުގެ ދެ ފަރާތުގައި ވެސް ބޭސްއަޅާފައި ހުރިއިރު، އަނިޔާއަށް ފަހު އަތުހަރު އަނެއްކާވެސް އައިޖީއެމްއެޗަށް މި ދެމެދު ގެންގޮސްފައި އެވެ. އެހާ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު 48 ގަޑިއިރު ހަމަވަން ދެން ވެސް އޮބްސަވޭޝަނުގައި ނުބާއްވަ އެވެ.
މީޑިއާތަކަށް ފުލުހުން ބުނީ އަތުހަރު ގެނައީ ހާލު ސީރިއަސް ވެގެން ނޫންކަމަށެވެ. ފަހުން ހާލު ސްޓޭބަލްކަމަށް ޑޮކްޓަރުން އިރުޝާދު ދިނުމުން އަލުން އަނބުރާ ދޫނިދޫއަށް ގެންދިޔައިރު ގޮޅީގައި ދަން ޖެހެން އަތުހަރު މަސައްކަތް ކުރީ 24 ގަޑިއިރު ވެސް ނުވަނީހެވެ. އެހެންކަމުން މި ހާލަތުގައި އަތުހަރު އަމިއްލަ ނަފުސަށް ގެއްލުންދީފާނެކަމަށް ވަޒަން ނުކުރެވުނަސް ސިއްހީ ހާލަތު ގޯސްވެދާނެކަމަށް ބަލައި ހާލަތު މޮނީޓަރ ކުރެވެން ޖެހޭނެ އެވެ. އަދި އޭނާގެ ނަފްސީނާ ހާލަތު ދެނެގަތުމަށް ކަމާއި ގުޅުންހުރި ޑޮކްޓަރެއްގެ ލަފާ ހޯދަން ކެޖޭނެއެވެ. ނުކޮށް އޮތުމަކީ އިހުމާލެެއް ކަމަށް ބެލިވިދާނެއެވެ.
ދޫނިދޫގެ ޖަލުގައި ކިތަންމެ ގިނަ ގޮޅިތަކެއް ހުރިނަމަވެސް އެތައް ހާސް ބަޔަކު ބަންދުގައި ތިއްބަސް އަތުހަރުގެ ކޭސް ތަފާތުވަނީ އެހެންވެ އެވެ. ސީސީޓީވީ ނުބެލި ނަމަވެސް ގާތްގަނޑަކަށް 40 ވަރަކަށް މިނެޓު ގޮޅިއާއި ގާތުން ވެސް ފުލުހަކު ހުރަސްކޮށްފައި ނުވާކަން ފުޓޭޖު ވީޑިއޯއިން އެނގެ އެވެ.
ހާދިސާގެ ޓައިމްލައިނަށް ބަލާއިރު އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށީ އިރުއޮއްސި 06:30 ހާއިރެވެ. އަދި އޭނާގެ ހަރަކާތް އެއްކޮށް ހުއްޓެނީ 06:38 ހާއިރުކަމަށްވާއިރު އެ މަންޒަރު ފެނި ފުލުސް އޮފިސަރެއް އައިސް ގޮޅީގެ ދޮރު ހުޅުވަނީ 07:02 ގައެވެ. އޭނާގެ ފަހަތުން އިތުރު ދެ އޮފިސަރެއް ގޮޅިއަށް ވަދެ އެވެ. އޭރު ވެސް އޭނާގެ ހަރާކާތެއް ނެތްއިރު، އެ މީހުން އޭނާ ނަގައި ބިންމަތީ ބާއްވަ އެވެ.
ދެ އޮފިސަރު އެތަން ބަލަން ކޮޅަށް ތިބިއިރު، އަނެއް އޮފިސަރު އަތުގެ ވިންދު ހުރިތޯ ބަލައެވެ. އެކަމަކު އިތުރު އަވަސް ފަރުވާއެއް ދިނުމަށް މަސައްކަތެއް ނުކުރެ އެވެ. 07:05 ގައި ސްޓެރްޗާއެއް ގެނެސް އަތުހަރު އެއަށްލައިގެން ގެންދިޔައީ ދޫނިދޫ މެޑިކަލް ސެންޓަރަށެވެ. ނޫސްވެރިންނަށް މަންޒަރު ދެއްކީ އެހާހިސާބަށެވެ.
ހޮސްޕިޓަލާއި ހަމައަށް އަތުހަރު ގެންދިއުމާއި ހަމައަށް މާ ގިނަ ވަގުތެއް ނުނެގި ނަމަވެސް، މިހާރު ފުލުހުން ހާމަކުރަން ޖެހޭ އެއްކަމަކީ އަތުހަރު އެންމެ ފަހުން އެ މީހުންނާއި ބައްދަލުވީ ވަގުތެކެވެ. ނުވަތަ ފިޒިކަލީ ގޮސް ގޮޅި ބެލި ވަގުތެއް ނުވަތަ އޭނާއަށް ކެއުން ވިޔަސް ނުވަތަ އެހެން އެއްޗެއް ވެސް ހަވާލު ކުރަން މުއާމަލާތެއް ކުރި ވަގުތެވެ.
ޑޮކްޓަރުގެ ލަފައަށް އަތުހަރު މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އިއްޔެ ހަވީރު 04:08 ހާއިރު އެވެ.
މި ހާދިސާގައި ވަކި ގޮތެއް ނިންމާކަށް ނެތީމެވެ. މަތީގައި އެވަނީ، ރޭގައި ދެއްކި ސީސީޓީވީ ފުޓޭޖުގައި ފެނުނު މަންޒަރާއި އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތެކެވެ.
އެޑިޓަރުގެ ނޯޓު: އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ގޮތާއި، އެކަން ކުރީ ކިހިނެއްކަން އަދި ބޭނުން ކުރި އާލާތް އެނގުނު ނަމަވެސް މި ރިޕޯޓުގައި އެ މައުލޫމާތު ”ސަންގު“ އިން ހިއްސާކޮށްފައި ނުވަނީ މިއީ އަމިއްލައަށް މަރުވާން މަސައްކަތް ކުރި މައްސަލައަކަށްވުމާއި، ހައްސާސް މައުލޫމާތުތަކެއް ހާމަކުރުމަކީ ރަނގަޅު ގޮތަކަށް ނުވާތީ އެވެ.

