ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމް ހިދުމަތްތަކާއި ގުޅޭ ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.
އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ހިދުމަތާއި އެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ގެ ނަމުގައެވެ.
މި މަސައްކަތާއި ގުޅުވައި އެމްޕީއެލްގެ މައި އޮފީހުގައި އޮތް ރަސްމިއްޔާތުގައި ޔޫއެމްއެސް ވެބްސައިޓު ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމެވެ.
އެމްޕީއެލް ލޯންޗު ކުރި މި ވެބްސައިޓު މެދުވެރިކޮށް، އުތުރުގެ މެރިޓައިމް ހިދުމަތްތަކުގެ ތަފްސީލުތައް ބަލާލެވޭނެ އެވެ. އަދި ހިދުމަތް ފޯރުކޮށްދޭ އެޖެންޓުންގެ މައުލޫމާތު ވެސް ވެބްސައިޓުގައި ލިބެން ހުންނާނެ އެވެ.
އުތުރުގައި އިންޓަނޭޝަނަލް ފިއުލް ބަންކަރިންގ ހިދުމަތަށް ފެށުމަށް އެސްޓީއޯއިން ވަނީ ތައްޔާރުވެފައިވާއިރު މީގެ ސަބަބުން އުތުރުގައި ވަށާޖެހޭ، މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް އެމްޕީއެލްއިން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ޕްރޮވިޝަން ސަޕްލައި، ސްޕީޑް ބޯޓް، ޕައިލަޓޭޖް، ވޯޓަރ ބަންކަރިންގ، ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސްގެ ހިދުމަތް ފޯރުކޮށް ދިނުން ހިމެނެ އެވެ. އެމްޕީއެލް ބުނި ގޮތުގައި ވިސްނުމަކީ ކުރިޔަށް އޮތް ތަނުގައި ހިދުމަތް އިތުރަށް ފުޅާ ކުރުމެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ހިދުމަތްތައް އަލަށް ފަށާއިރު، ހިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ ސަބަބެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ހިދުމަތްތައް ބައިނަލްއަޤްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށެވެ.
އުޅަނދުތައް ހިދުމަތް ހޯދަން އަންނާނީ ހިދުމަތްތައް ފުރިހަމަވެގެން އަލާށް ފަށާއިރުވެސް ހިދުމަތްތައް ފުރިހަމަކޮށްދޭންޖެހޭ… އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިންގ، ނުވަތަ އެހެން ހިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް.
ވަޖީހް ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ ސަރުކާރުގެ އެހެން ކުންފުނިތަކާއި ވުޒާރާތަކާ ގުޅިގެން، ޤައުމަށް ފައިދާވާނެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އިންޓަރނޭޝަނަލް ފިއުލް ބަންކަރިންގ ޚިދުމަތުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އަދި މި ހިދުމަތް ދިނުމުގައި އެ ކުންފުންޏަށް އެމްޕީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަން ފާހަގަކުރެއްވި އެވެ.

