މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ”ވޯޓަރ ސެކިއުރިޓީ ޕްލޭން“ ގެ ދަށުން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޢަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، އަބްދުލް މަތީން މުހައްމަދެވެ.
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ، 10 ހާސް ޓަނުގެ މި ތާނގީ އަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީކަން ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެމްޑަބްލިޔުއެސްސީ ބުނެފައި ވަނީ މި ތާނގީގެ މަސައްކަތްތައް ނިމުމާއިއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވެގެން ދާނެކަމަށެވެ.
2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫޢަށް 34.7 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކުރެވެއެވެ.
އެމްޑަބްލިޔުއެސްސީ ބުނެފައި ވަނީ މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ.
ގްރޭޓަރ މާލޭ ސަރަހައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިޔުއެސްސީން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ގާއިމުކޮށްފައި ވެއެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެން ހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީން ދަނީ ކުރަމުންނެވެ. އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކާ ކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމްޑަބްލިޔުއެސްސީން ފަށައިފައިވާ މުހިންމު މަސައްކަތްތަކެކެވެ.
އެމްޑަބްލިޔުއެސްސީ ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

