މީގެ ފަސް އަހަރު ކުރިން ކުރިމަތިލާން ޖެހުނު ރިޔާސީ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އިމްތިހާނަކީ އިހުލާސްތެރިން ދެނެގަތުމެވެ. އެމަނިކުފާނު އޭރު އެބަޔަކަށްޓަކައި، ގުރުބާންވެ ބާރުތަށް މުށުތެރެއަށްލައި ބާރުކޮށް ހިމާޔަތް ކުރި މެމްބަރުންތައް ޕީޕިއެމް ދޫކޮށް އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަން ޖުމްހޫރީ ޕާޓީއަށް ގުޅެން މާގިނަ ދުވަހެއް ނުނެގި އެވެ.
ގޮތް ނޭނގޭ އެތައް މިލިއަން ރުފިޔާއެއް އަމިއްލަފުޅު އެކައުންޓަށް ޖަމާވިކަމުގެ ތުހުމަތުކޮށް، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ދުވަސްވަރަކީ މިއީ އެވެ. ތަހުގީގު ނިމެންދެން ބަންދު ކުރުމާއި، ދައުވާ އުފުލައި ޝަރީއަތް ކުރިޔަށް ގެންދިޔައީ ފަޓާސް ބަރިއެއްހެންކަމަށްވުމާއި އެކު 2019 ގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނަށް އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވުނެވެ.
އޭރުން ފެށިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ މަސައްކަތްތަކުގެ މިސްރާބުޖަހާފައި ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. ސިޔާސީ ތަފާތު އެކި ޖަލްސާތައް ބޭއްވުމާއި، އަދި މަގުމަތީ ހަރަކާތްތައް މި މުއްދަތުގެ ތެރޭގައި ހިންގާފައިވެއެވެ. ސަރުކާރުގެ ކެބިނެޓާއި، ދައުލަތުގެ އިސް މަގާމުތަކުގައި މިއަދު ތިއްބެވި ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ވަގުތެއް ވެސް ހުސްކުރީ ރައީސް ޔާމީނަށްޓަކަ އެވެ. އެކަމަމަކު މިއަދު ރައީސް ޔާމީން އެ ހުންނެވީ، އެބޭފުޅުންނާއި ވަކިން، ގޮސް އެމަނިކުފާނު ބޮލުގައި އެންމެ ގިނަ ވަގު ޓެގު އެޅުވި ބޭފުޅުންގެ އަރިހުގަ އެވެ.
އެންމެ އަރިހުގައި ހުންނެވި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައި އެންމެ ބޮޑަށް ރައީސް ޔާމީނަށް ފާޑުވިދާޅުވި އެކަކެވެ. އަދި މުހައްމަދު މަލީހު ޖަމާލަކީ، އެމްޑީޕީގެ ވެރިކަމުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމުގައި ހުންނެވުމަށް ފަހު މަގާމުން ވަކި ކުރަމުން މަޑުމަޑުން ރައީސް ޔާމީނަށް ސަނާ ކިޔުއްވަމުން ގޮސް ޕާޓީއަށް ގުޅުނު ބޭފުޅެކެވެ.
އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، އެމަނިކުފާނު އިސްވެ ހުންނަވައި ހިންގެވި ސިޔާސީ ހަރަކާތްތައް އޭރު މުޅި ރާއްޖެއަށް ފުޅާވެގެން ދިޔަ އެވެ. ގައުމެއްގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއް، އަމިއްލަ ގައުމުގެ މައްޗަށް އެހެން ބައެއްގެ ނުފޫޒު އެބައޮތްކަމަށް ތުހުމަތު ކުރައްވައި ފާޅުކަން ބޮޑުގޮތެއްގައި އިހުތިޖާޖު ކުރައްވާތީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައެވެ. އެމްޑީޕީގެ ސަރުކާރަށް އިންތިހާ ޕްރެޝަރުތަކާއި ކުރިމަތިލާން ޖެހުނެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބިކަމަށާއި، އެ މީހުންނަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް ދިވެހި ސަރުކާރާއި އެކުވެފައިވާ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން ލިބިދީފައިވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އަމިއްލަ ގެކޮޅުގައި “އިންޑިއާ އައުޓް” ޖެހި ބެނާތައް ހަރުކޮށް، މާލެއާއި ރާއްޖޭގެ ރަށްތަކުގައި އެ ޝިއާރު ޖެހި ގްރެފިޓީތައް ކުރަހަމުން ދިއުމާއި ސިލްސިލާކޮށް ގެންދާ އެއްވުންތަކަށް ނިމުމެއް ނައުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ގަރާރެއް ނެރުއްވުމަށް ފަހު އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ހަރަކާތެއްކަމަށް ނިންމެވި އެވެ. އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ނިކުމެ، އެ އެއްވުންތައް ހުއްޓުވުމަށް ގަރާރުގައި ވެއެވެ.
2018 ގެ ރިޔާސީ އިންތިހާބަށް އޭރު އޮތީ އަހަރެއްހާ ދުވަސްކަމަށްވުމާ އެކު، ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް ކުރަމުން ދިޔަ މަސައްކަތްތައް އިތުރަށް ވަރުގަދަވި އެވެ. އަދި އެމަނިކުފާނު ވެސް ގެންދެވީ އެކި ޖަލްސާތަކުގައި އިންތިހާބުގެ ވޯޓު އޮޅުވާލައި، ނަތީޖާއަށް ބަދަލު ގެނެސްފައިވާކަމަށް ތުހުމަތު ކުރައްވަމުންނެވެ. އެކަމަކު އޭރު ވެސް އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުގައި ދައުވާތަކެއް އުފުލާފައި އޮތުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުޑަކަން ބެލެވުނެވެ. އެ ހަގީގަތް ގަބޫލު ކުރަން ބޭނުން ނުވީ ރައީސް ޔާމީނެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުުފުލި ދައުވާތައް ސާބިތުވުމަށް ފަހު ވެސް، ރައީސް ޔާމީން ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އިންތިހާބަށް ކުޑަތަންވެ، އެމަނިކުފާނަށް ކެންޑިޑެސީގެ ފުރުސަތު ނެތްކަން އެތައް ބަޔަކު ގަބޫލު ކުރާނެ އެވެ. އަދި ހުދު ރައީސް ޔާމީން ވެސް ހިތާހިތުން ގަބޫލު ކުރައްވާނެ އެއް ހަގީގަތަކީ އެއީ އެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި އިރު ވެސް އެއީ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުރާ ބޭކާރުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނެވެ. ހުކުމެއްގައި ހުންނެވި ބޭފުޅެއްގެ ކެންޑިޑެސީ ބަލައިނުގަންނާނެކަން އެނގޭއިރު އެ ފޯމު ހުށަހެޅިތާ 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ގޮތް ނިންމި އެވެ. ވަގުތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ދިޔަ ދިގު ބަހުސްތަކަށް ފަހު އާހިރުގައި ނިމިގެން ދިޔައީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށެވެ.
ކޮންގްރެސް ކޯލިޝަން ދެމެދު ޖެހުނު މައްސަލަތަކަށް ފަހު، ޕީއެންއެފްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައި ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރާ ވަކީންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެކި ޖަލްސާތަކުގައި ފާޑުވިދާޅުވެ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން އުޅުއްވިކަމުގެ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އިންތިހާބީ މައްސަލައިގައި، އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަށް ތާއީދުކޮށް ހުކުމް އައުމުން ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލީ ސަބަބުތަކެއް އޮވެގެންކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ކުރީގެ ރައީސަކު ދައްކަވަމުން އެ ގެންދަވަނީ ހަމަބުއްދީގެ ވިސްނުމަކުން، ބަލާއިރު ގަބޫލު ކުރެވޭ ފަދަ ވާހަކަތެކެއް ނޫނެވެ. އެއީ އެމަނިކުފާނަށް އޮތް ތާއީދު ފެނި، ހެދުނީ ގޯހެއްކަމަށް ގަބޫލު ކުރެވިގެން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމުން ބަދަކު ކުރީސްކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ރައީސް ޔާމީން ގަބޫލު ކުރައްވާ ގޮތުން، ސުޕްރީމް ކޯޓުން ނިންމުން އަނބުރާ ގެންދާނީ، ޕްރެޝަރަށެވެ.
ތިރީގައި މިވަނީ ފެބްރުއަރީ 6، 2024 ގައި އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވި ވާހަކައެވެ.
ދެން އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައ ސިޕްރީމް ކޯޓަށް ވެސް އެ ނިންމުން މުރާޖައާ ކުރުމަށް ފުރުސަތު ލިބޭނީ.. އަޅުގަނޑުމެން ސިޔާސީ ޕާޓީއަކަށް ވެގެން ފިސާރި ގަދައަށް އިހުތިޖާޖުކޮށްގެން.. އެއީ އިންތިހާބު ބޮއިކޮޓު ކުރަންޏާ.. ބޮއިކޮޓު ކުރާ ވާހަކަ.. އެކަމަމު އިންތިހާބު ބޮއިކޮޓު ކުރުމަކީ މުޅިން އެގޮތަށް އިންތިހާބުގައި ވާދަނުކުރުމެއް ނޫން.. އެއީ ސުޕްރީމް ކޯޓަށް މި ހެދުނީ ގޯހެއްކަން ވިސްނޭ ވަރަށް.. ސުޕްރީމް ކޯޓުން މި މައްސަލަ ރިވިއު ކުރަން.. ނޫނީ ރީ ވިޒިޓު ކުރަން ޖެހޭކަމަށް
ރައީސް މުއިއްޒަށް ހަގީގީ ތާއީދެއް ނެތްކަމަށް ދެއްކުމަށް، ރައީސް ޔާމީން މަޖިލިސް އިންތިހާބަށް 40 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނެރުނެވެ. އޭގެއިން އެންމެ ކެންޑިޑޭޓަކަށް ވެސް އިންތިހާބު ކިރިޔާ ވެސް ނެގޭހާ ކައިރި ނުވެވުނެވެ. އެ އިންތިހާބު އޮތީ ހައިކޯޓުން ރައީސް ޔާމީން މިނިވަންވިތާ 48 ގަޑިއިރު ވެސް ނުވަނީސްކަމަށްވުން ކެމްޕެއިނަށް ދަތުރުތަކެއް ނުކުރެއްވުނެވެ. އެކަމަކު ސިލްސިލާކޮށް ޕީއެންއެފްގެ އޮފީހުގައި ޖަލްސާތައް ބާއްވަމުން ގެންދިއުމުގެ ސަބަބުން އެހެން އެއްވެސް ބައްދަލުވުމަކަށް މީޑިއާގެ ސަމާލުކަން ނުހުއްޓޭ ވަރަށް އެމަނިކުފާނުގެ ޖަލްސާތަކަށް ހުއްޓެ އެވެ.
މިފަހަކަށް އައިސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކޭ، ހޮޅުއަށީގައި ބަޔަކު ދައްކާ ވާހަކައެކޭ ތަފާތެއް ނެތެވެ. މަލާމަތް ކުރުމާއި، ފުރައްސާރަ ކުރުން އިންތިހާއެވެ. އެއްވެސް ހަގީގަތެއް ނެތް، ލިޔެކިއުންތައް ދައްކައި ވެސް އެކަމަކަށް ވާހަކަ ދައްކަވާފާނެ އެވެ.
ބައެއް ފަހަރު މިއީ ޖަމީލާއި މަލީހު އެކުވެތިބެގެން އެމަނިކުފާނަށް ދޭ ބޮޑު ކެއްސެއް ނޫންބާއޭ ހިތަށް އަރައެވެ. ހަގީގަތަކީ މަލީހާއި ޖަމީލަކީ ރައްޔިތުން ދުވަހަކު ވެސް ބަލައިގަތް، ބަލައިގަންނާނެ ވެސް ބައެއް ނޫންކަމެވެ. އެހެންކަމުން މިއަދު ރައީސް ޔާމީނަށް ވެސް ދިވެހި އެތައް ރައްޔިތެއް ކުރަމުން އަންނަ ތާއީދު ގެއްލެމުން އެ ދަނީ، މި ދެންނެވި ދެ މީހެއްގެ އަވައިގައި ޖެހިގެންނެވެ، މިއަދުގެ ހަގީގަތަކީ ބައެއްގެ އަވާގައި ޖެހި އޮތް ތާއިދު ވެސް ގެއްލުނީއެވެ.

