ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ މެންބަރުންގެ ތެރެއިން މިހާރު ހުސްކޮށް އޮތް 2 މަޤާމަށް ބޭފުޅުން އައްޔަންކުރުމަށް ނަން ހުށައަޅައިފިއެވެ.
ބީއެމްއެލްގެ ބޯޑަށް އައްޔަނުކުރަން ސަރުކާރުން ހުށައެޅުއްވީ މުހައްމަދު ޝާހިދާއި އަލީ އިރުފާނުގެ ނަމެވެ.
ބޭންކުން ނެރެފައިވާ އިއުލާނުގައިވާ ގޮތުގައި ޝާހިދަކީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި މީރާގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލީ އިރުފާނަކީވެސް މާލީ ދާއިރާގެ ތަޖުރިބާހުރި އަދި މިހާރުވެސް މާލީ ވުޒާރާގެ ޑިރެކްޓަރެކެވެ.
ބީއެމްއެލްގެ ބޯޑަށް އައްޔަންކުރުމަށް ސަރުކާރުން ފޮނުވި ދެ ބޭފުޅުންނަށް ހިއްސާދާރުންގެ މެދުގައި ވޯޓަށް އެހުން ޚާއްސަގޮތުން ކުރާ އަހަރީ އާންމު ޖަލްސާގައި އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ބީއެމްއެލްގެ ބޯޑުގައި 11 ބޭފުޅުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން އައްޔަންކުރައްވާ 6 ބޭފުޅުންނާއި، ބީއެމްއެލްއިން އައްޔަންކުރާ 2 ބޭފުޅުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 ބޭފުޅުންނެވެ.

