ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރިޒްނާ މަގާމުން އިސްތިއުފާ ދެއްްވީ އޭނާއާ ގުޅޭގޮތުން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ޝަކުވާއެއް ބަަލަމުން ދަނިކޮށް ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
އެ މައްސަލައިގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ރިޒްނާގެ މައްސަލަ ބެލުމަށް ޖޭއެސްސީއިން ވަނީ ތަހުގީގު ކޮމިޓީ ވެސް އެކުލަވާލައިފައެވެ.
ރިޒްނާ ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ރިޒްނާ ހަމަޖެއްސެވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ. އޭނާއަކީ މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.
ރިޒްނާގެ ކުރިން ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ. ނަޒީރުގެ މަގާމު ގެއްލުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ.
މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އައި ޑީޖޭއޭ އުވި، ޖޭއެސްސީގެ ދަށުން އާ ޑީޖޭއޭއެއް އެކުލަވާލަން ޖެހުނެވެ.
އެހެންކަމުން ޑީޖޭއޭއަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު ހަމަޖެއްސުމުން ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މަގާމު ގެއްލޭނެއެވެ. ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަކަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ ވެސް ޖޭއެސްސީއަށެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މި މަގާމަށް އައްޔަން ކުރަނީ ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީގެ ފެންވަރު ހުންނަ ބޭފުޅުންނެވެ.

