ވެރިކަމަށް 9 މަސް ވެގެން ދިޔައިރު މި ސަރުކާރުން އުޅުނީ ލޭނުގެ ނަމުގައި މަސްކަނޑުތައް ވިއްކާލަން ކަމަށް އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި މޫސާ ވިދާޅުވީ މިސްރުކާރު ދަނީ ދިވެހިރައްޔިތުންގެ ވިންދާ އިދިކޮޅަށް ކަމަށެވެ. ވެރިކަމަށް އައިސް 9 މަސް ވެގެން ދިޔަ އިރު ސަރުކާރުން އުޅުނީ ލޭނުގެ ނަމުގައި މަސްކަނޑުތައް ވިއްކާލުމަށް ކަމަށް މޫސާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކަން ބަދަލު ކުރެއްވީ ކަމަށާއި ހަމަޖެހޭ ސިޔާސަތެއް ސަރުކާރުން ނުގެންނަވާ ކަމަށް މޫސާ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ ދައްކަވާ ވާހަކައިގައިވެސް އެއްވެސް ހަރުދަނާކަމެއް، އާރުލާ ކަމެއް ނުވަތަ އެއްވެސް އުއްމީދެއް ނުހުންނަ ކަމަށެވެ.
”މިއަދު ބުނާ އެއްޗެއް މާދަމާ ބަދަލުވެގެން އަންނަގޮތް. ހަމަ ގަބު ގަމާރު ވެރިކަމެއް އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ. ވިސްނުމެއް، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް.“
ސަރުކާރުގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގައ ސިފައިން ތިބިކަމަށް ބުނަމުން ދިޔައީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭވަރަށް ކަމަށް މޫސާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެފަދަ ވާހަކައެއް ދައްކަވާ މަންޒަރުވެސް ނުފެންނަ ކަމަށާއި ވިދާޅުވި ސިފައިން ވީތަނެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް މޫސާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މޫސާ ވިދާޅުވީ މި ސަރުކާރުން އެއާ އެމްބިއުލާންސް ތައާރަފް ކުރިނަމަވެސް ބަލި މީހުން އުފުލަން މިހާރު ޑޯނިއާ ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ. މޫސާ ވިދާޅުވީ އެހެންނަމަވެސް އެމްޑީޕީން ކަންކަން ކުރެއްވީ ނުވަތަ އޭރު އެމްޑީޕީގެ ސިޔާސަތުތައް ހުރީ ރާއްޖޭގައި ކުރެވޭ ކަންކަމަށް ކަމަށެވެ. އެމްޑީޕީގެ ސަރުކާރަކީ އިންސާނުންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެނގި، ރާއްޖޭގެ ”މައިބަދައިގައި“ ވަރު ހުރި މިންވަރު އެންގިގެން ކަންކަން ކުރި ސަރުކާރެއް ކަމަށް މޫސާ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ އެމްޑީޕީން ކަންކަން ކުރީ އެންގިގެން ކަމަށާއި ރައްޔިތުންނަށް ހެޔޮ އަގުގައި ކަންކަން ކުރެވޭނެ މަގު ފަހިކޮށްދެވުނީ އެހެންވެގެން ކަމަށެވެ. އަދި މިސަރުކާރުންވެސް ކުރަމުންދަނީ ހަމަ އާހިރުގައި އެމްޑީޕީން ކުރި ކަންކަން ކަމަށް މޫސާ ވިދާޅުވިއެވެ.

