2024 ވަނަ އަހަރުގެ މިހާތަނަށް 1907 އެކްސިޑެންޓުގެ މައްސަލަ ހުށައެޅިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ ތެރޭގައި ފޯޖަރީގެ 101 މައްސަލައެއް އެ މުއައްސަސާއަށް ހުށައަޅާފައިވެއެވެ. އަދި މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުގެ 473 މައްސަލައެއް ހުށައަޅާފައިވާކަމަށް ވެސް މައުލޫމާތުތަކުގައި ވެއެވެ. އަދި މަކަރާއި ހީލާތުގެ 460 މައްސަލައެއްވެސް ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އަަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާއި ގުޅުން ހުރި 1107 މައްސަލައެއްގެ އިތުރުން ވައްކަމުގެ 2515 މައްސަލައެއް ވެސް އެ މުއައްސަސާއަށް ހުށައަޅާފައިވާކަމަށާއި ޗެކު ބައުންސްވެގެން 5 މައްސަލައެއްވެސް ހުށައަޅާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ގެވެށި އަނިޔާގެ 182 މައްސަލައެއްގެ އިތުރުން މާރާމާރީގެ 459 މައްސަލައާއި 1907 ޓްރެފިކް އެކްސިޑެންޓެއްވެސް ހުށައަޅާފައިވާކަމަށް ބުނެފައިވެއެވެ.
ޖިންސީ ކުށްތަކަށް އަރައިގަތުމުގެ 233 މައްސަލަވެސް ރިކޯޑުކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު ފޭރުމުގެ 350 މައްސަލައަކާއި ގެއްލިފައިވާ ތަކެތީގެ 703 މައްސަލައެއްވެސް ފުލުހުންވަނީ ތަފާސް ހިސާބުތަކުގައި ހިއްސާކޮށްފައެވެ.

