ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފައިކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ކާރު ދުއްވީ ސ. ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީ އެވެ.
އެކްސިޑެންޓު ހިނގުމާ އެކު، ސައިކަލް ދުއްވަން އިން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އުރީދޫ އޮފީސް އިމާރާތާ ދިމާލުން ހިނގި އެ އެކްސިޑެންޓުގައި ޒުވާނާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ވަނީ އެނގިފަ އެވެ.
ހަފްތާ ބަންދުތަކުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް ބާރަށް ދުއްވައި އާންމުންނަށް ނުރައްކާވާ ގޮތަށް ދުއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ. އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.

