އެޕަލްއިން އެ ކުންފުނީގެ އައު އައިފޯން ސީރީޒް ދައްކާލައިފިއެވެ.
އެޕަލްގެ އައިފޯން 16 ސީރީޒްގައި ހިމެނެނީ މައިގަނޑު 4 މޮޑެލްއެކެވެ. އެއީ އައިފޯން 16، 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްއެެވެ.
އެޕަލްގެ އައު ކޮންމެ ފޯނެއްވެސް ނެރެނީ ބޮޑެތި ބަދަލުތަކާއިއެކުކަމަށްވާއިރު، 16 ވަނަ ސީރީޒްގައި ހިމަނާފައިވަނީ މިހާތަނަށް ގެނެސްފައިވާ އެންމެ ބޮޑެތި ކުރިއެރުންތައްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެގޮތުން ޑިޒައިންއަށާއި، ހާޑްވެއަރގެ އިތުރުން އެޕަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ފެށުންވެސް ހިމެނޭއިރު، އިތުރު އެތައް ކަމެއްވެސް އެ ކުންފުނިންވަނީ ކަސްޓަމަރުންނަށް ލިއްބައިދީފައެވެ.
އާޓިފިޝަލް އިންޓެލިޖެސްގެ ބޭނުން ހިފުމަށް ހާއްސަކޮށް ބިނާކޮށްފައިވާ 16 ވަނަ ސީރީޒްގެ އައިފޯނުތަކާއިއެކު އެޕަލް އެސިސްޓަންޓް ”ސިރީ“ އަށްވެސް ކުރިއެރުންތަކެއް އައިސްފައިވެއެވެ. އެގޮތުން އެޕަލް އިންޓެލިޖެންސްގެ ބޭނުން ހިފާނެކަމަށްވުމުން ކުރިއަށްވުރެ ސްމާޓުވާނެކަމަށާއި އެއްފަހަރާ ގިނަ ވާހަކަތެކެއް ބުނުމުން ނުވަތަ ކަންކަން ކުރަން ބުނުމުންވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ރިވިއުކުރި ބައެއް ފަރާތްތަކުން ބުނާގޮތުން،. އެޕަލް އިންޓެލިޖެންސްގެ ސަބަބުން އިތުރު އެތައް ކަމެއްވެސް ފަހިވެގެންދެއެވެ. އެގޮތުން ލިޔުމަށް ބޭނުންކުރާ ޓޫލްތަކާއި، ފޯނުކޯލް ރިކޯޑުކުރުމުގެ އިތުރުން ފޯނުގެ ޕްރޮސެސިންގް ޕަވާ އިތުރުކުރުމުގަައިވެސް ރޯލެއް އަދާކުރާނެކަމަށް ބުނެފައިވެއެވެ. ލޯންޗުކުރާއިރު އެޕަލް އިންޓެލިޖެންސް ހިދުމަތް ލިބެން ނުހުންނާނެއިރު، އޮކްޓޫބަރު މަހުން ފެށިގެން އެމެރިކާގައި ފަށާގޮތަށް އެކި ގައުމުތަކަށް ރޯލް އައުޓްކުރަމުންދާނެކަމަށް ބުނެފައިވެއެވެ.
އެޕަލްއިންވަނީ އައު ފޯނުގެ ކެމެރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 16 ވަނަ ސީރީޒްގެ ފޯނުތަކުގެ ކެމެރާގެ މެއިން ލެންސަކީ އައު 48މެގަޕިކްލެސް ފިއުޝަން ކެމެރާއެއްކަމަށާއި ކުރިއެކޭ އެއްފަދައިން ވައިޑްއޭންގަލް ޝޮޓުތައް ނެގޭނެއިރު މިހާރު ޓޫއެކްސްގެ ޓެލެފޮޓޯ އޮޕްޝަންއެއްވެސް ހިމެނިފައިވާކމަަށް ބުނެފައިވެއެވެ. އެހެންކަމުން މިހާރު ދުރުގައި ހުރި ތަންތަނާއި ތަކެތީގެ ސާފު ފޮޓޯތައް ނެގުމަށް ފަހިވެފައިވާކަމަށް ބުނެފައިވެއެވެ.
ފޯނުގެ ޕަވާ ބަޓަންގެ ދަށަށް ކެމެރާ ކޮންޓްރޯލްގެ ނަން ދެވިފައިވާ އައު ސްވިޗެއްވެސް ލާފައިވާއިރު، މިއީ މަޑުމަޑުން އިނގިލިން ޖައްސާލައިގެން ކެމެރާއާއި ގުޅުމުގެ ގާބިލުކަން ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ސެންސަރެއްކަމަށް ބުނެފައިވެއެވެ. އެގޮތުން މަޑުމަޑުން އިނގިލިން ޖައްސާލުމުން ކެމެރާ އެޕް ހުޅުވާލެވޭނެކަމަށާއި ކެމެރާގެ އެކްސްޕޯޝާރ އަދި ޒޫމް ފަދަ ސެޓިންގްތަކާއިވެސް ކުޅެވޭނެކަމަށް ބުނެފައިވެއެވެ. އަދި ތާޑް ޕާޓީއެޕްތަކުގައިވެސް ކެމެރާ ކޮންޓްރޯލްގެ ބޭނުން ހިފޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަނޑައެޅިފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކޮންމެ އައިފޯން ސީރީޒްއަކާއިއެކުވެސް އައު ކުލަތައް ތައާރަފްކުރާއިރު، މިފަހަރު ނެރެފައިވަނީ އެންމެ ކުލަގަދަ އެއް ސީރީޒްކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން ބަބްލްގަމް ޕިންކާއި އަލްޓްރާމެރީން ބުލޫ ފަދަ ކުލަތައް ހިމެނޭ އިރު ކަޅާއި ހުދު ފަދަ ކްލެސިކް އޮޕްޝަންތައްވެސް ލިބޭނެއެވެ. ޕްރޯ މޮޑެލްތަކަށް ހާއްސަ ޑިޒައިންތައްވެސް ދައްކާލާފައިވެއެވެ.
ކުލައާއި ކެމެރާ ނޫން އެހެނިހެން ކަންކަމަށްވެސް ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން މިހާރު އެންމެ ފަހުގެ ސެރަމިކް ޝީލްޑާއިއެކު ކުރިއަށްވުރެ 15 އިންސައްތަ ވަރުގަދަވާނެކަމަށް ބައެއް ފަރާތްތަކުން ބުނާއިރު ވެއްޓުމުން ލިބޭ ގެއްލުމުން ރައްކައުތެރިކުރުމަށްޓަކައި ބިއްލޫރިގަނޑުވެސް ދެ ގުނަ އިތުރަށް ވަރުގަދަ ކުރެވިފައިވާކަމަށް ރިވިއުކޮށްފައިވެއެވެ.
ފޯނުގެ އިންޓާނަލް ޑިޒައިންއަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ހޫނުވެގެންދާ ދިއުން ކުޑަވަގެންދާނެއިރު ބެޓަރީ ލައިފް ރަނގަޅުވެގެންދާނެކަމަށާއި އައިފޯން 16 މޮޑެލް އެއް ޗާޖުގައި 22 ގަޑިއިރާއި ގާތްކުރާ ވަގުތަކަށް ބޭނުންކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

