މޫދުގެ ލޮނުގަނޑު އުފުލުމާއި ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ގުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަމާއި، މިންވަރު އަދި ތަކުރާރުވާ މިންވަރު އިތުރުވަމުންދާކަމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ވިއްސާރަ، ބަނޑުހައިހޫނުކަން، ފެންބޮޑުވުން، އަލިފާނުގެ ހާދިސާތައް އަދި އެހެނިހެން ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން އިންސާނީ ގެއްލުންތައް އިތުރުވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
މި ހާދިސާތަކުގެ ސަބަބުން ދިރިއުޅުމަށާއި މުހިންމު އަސާސީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާކަމަށާއި، މި ގެއްލުންތަކަކީ ގިނަ ފަހަރަށް އަނބުރާ ރުޖޫޢަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއްކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. އަދި މީގެ ސަބަބުން މަދު ވަސީލަތްތައް ހުސްވަމުންދާ ކަމަށާއި، ބިން ގެއްލުމާއި، ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާވަމުންދާކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.
ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވުޖޫދު ގެއްލިދާނެކަމުގެ ބިރު ހީވަމުންދާ ކަން ވެސް ތޯރިގް ފާހަގަކުރެއްވެވިއެވެ. ދިވެހިރާއްޖޭގެ 80 އިންސައްތަ ރަށްތައް ހުންނަނީ މޫދުގެ ސަތަހައިން މީޓަރެއްގެ އުސްމިނުގައި ކަމަށާއި، 50 އިންސައްތަ ގެދޮރު ހުންނަނީ ގޮނޑުދޮށާ 100 މީޓަރު ދުރުމިނުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޫދުގެ ލޮނުގަނޑު އުފުލުމާއި ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހާލަތުގައި ވެސް ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އިންސާނީ އަދި ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވިއެވެ. މިގޮތުން ރަށްރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، ގުދުރަތީ ނިޒާމުތައް ރައްކާތެރިކުރުމަށް އިސްކަންދެމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. މިގޮތުން ތަރައްޤީވެފައިވާ ޤައުމުތަކާއި، ކުރީގައި ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޮޑަށް ބޭރުކުރި ޤައުމުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް ކުރިއަށް އަންނަންޖެހޭ ކަމަށް މިނިސްޓަރ ގޮވާލެއްވެވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ފެން ޝޯޓޭޖާއި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަދު ވު ވަސީލަތްތަކުން ބޮޑެތި ހޭދަތަކެއް ކު ރަމުންދާކަން މިނިސްޓަރު ތޯރިގް ފާހަގަކުރެއްވެވިއެވެ. ނަމަވެސް މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާކަމަށް ތޯރިގް ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަކީ އެހެން މައްސަލަތައް އިތުރަށް ގޯސްކޮށްލާ، އިޖްތިމާޢީ ހަމަނުޖެހުންތައް އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވެވިއެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

