ތައިލެންޑުގެ އެންމެ ފުންނާބު އުސް ހޮޓެލް އޮޕަރޭޓަރ، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި އެ ކުންފުނީގެ ތިންވަނަ ރިސޯޓު ހުޅުވުމަށް ކަނޑައަޅައިފިއެވެ.
ބައިނަލްއަގުވާމީ ނޫހެއްކަމަށްވާ ”ބެންކޮކް ޕޯސްޓް“ އިން ރިޕޯޓުކުރާގޮތުން ތައިލެންޑުގެ ލީޑިންގް ހޮޓެލް އޮޕަރޭޓާރގެ ގޮތުގައި މަޝްހޫރު ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްއިން ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ހުޅުވާ އައު ރިސޯޓަށް ނަންދެވިފައިވަނީ ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސްގެ ގޮތުގައިކަމަށެވެ. އަދި މިއީ އެ ކުންުފުނީގެ ކުރިމަގު ކަށަވަރުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށާއި، މިކަން އިއުލާނުކުރީ މި އަހަރުގެ ކުރީ ކޮޅުގައިކަމަށްވެސް ބުނެފައިވެއެވެ.
އަންޑާރވޯޓާރ ވޯލްރްޑް ތީމެއްގެ މައްޗަށް ބިނާކޮށްފައިވާ މި ރިސޯޓަކީ ސެންޓާރާ ކުންފުނި އިތުރަށް ފުޅާކުރުމަށް އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތަކުން މުހިންމު ލަނޑުދަނޑިއެއްކަމަށާއި މިއީ ރާއްޖޭގައި އެ ކުންފުނިން ހުޅުވާ ތިންވަނަ ރިސޯޓުކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މިއީ އާއިލީ މާހައުލެއް ގާއިމުކޮށްފައި އޮތުމަށް އަހައްމިއްޔަތު ދީގެން މަސައްކަތްތައް ކުރަމުންދާ އެ ކުންފުނީގެ 4 ވަނަ ރިސޯޓުކަމަށްވެސް ބުނެފައިވެއެވެ. އަދި މިރާޖު ބްރޭންޑަކީ އެ ކުންފުނިން ފެމިލީ ފޯކަސްޑް ހޮސްޕިޓާލިޓީ ހިދުމަތްތައް ފުޅާކުރުމަށް ދޭ އަހައްމިއްޔަތު ފެނިގެންދާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.
ސެންޓާރާ މިރާޖް ލެގޫން ބިނާކޮށްފައިވަނީ ދެ ރަށަކަށް ދިއުމަށް ފަތުރުވެރިންނަށް ފުރުސަތު ފަހިވެގެންދާ ގޮތަށްކަމަށާއި ދެވަނަ ރަށެއްގެ ގޮތުގައި އެތަނުގައި އޮންނާނީ ރާއްޖޭގައި ހުޅުވުމަށް ކަނޑައެޅިފައިވާ 4 ވަނަ ރިސޯޓުކަމަށްވާ ސެންޓާރާ ގްރޭންޑް ލެގޫންކަމަަށްވެސް ބުނެފައިވެއެވެ. އެތަން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހުޅުވާނެކަމަށް ބެލެވޭކަމަށާއި މި ރިސޯޓުތަކުން އާއިލާތަކަށް މުނިފޫހިފުލުމަށާއި ހިތްގައިމު މާހައުލެއްގައި އަރާމުކޮށްލުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
މި ރިސޯޓުގައި ލޭޒީ ރިވާ، ސްވިމިންގް ޕޫލް ކިޑްސް ޕޫލް އަދި ވޯޓާރ ޕްލޭގްރައުންޑެއްވެސް ހުންނާނެކަމަށްވާއިރު ކުޑަކުދިންނަށް ހާއްސަ ސްޕާއެއް ”ކޭންޑީ ސްޕާ“ ގެ ނަމުގައި ހުންނާނެކަމަށާއި މިތަނަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހަނދާނުން ނުފިލާފަދަ ތަޖުރިބާއެއް ލިބިގެންދާނެ ފަދަ އިންތިޒާމުތައް ހުރި ރިސޯޓެއްކަމަށްވެސް ބުނެފައިވެއެވެ.
ސެންޓާރާ މިރާޖު ލެގޫންއިންދަނީ ހުޅުވުމުގެ ގޮތުން ގެސްޓުންނަށް ހާއްސަ އަގުތަކެއްގައި ރޫމްތައް ވިއްކަމުންކަމަށްވާއިރު، ދެ އަހަރުގެ އުމުރު ފުރައަށްވުރެ މަތި ނޫން ކުދިންނަށް ކޮމްޕްލިމެންޓަރީ ސްޓޭ އއި ކެއިން ބުއިންވެސް ދޭން ކަނޑައެޅިފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑިސެމްބަރު 20ގެ ކުރިއަށް އެތަނުގައި ތިބޭ ގެސްޓުންނަށް އަނެއް އަހަރު ކޮމްޕްލިމެންޓަރީ ރިޓާން ސްޓޭ މޭ އާއި ސެޕްޓެމްބަރު މަހުގެ ދެމެދަށް ހަމަޖައްސައިދޭނެކަމަށްވެސް ބުނެފައިވެއެވެ.

