ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިގްތިސާދީ ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ކުރިޔަށް ގެންދާ އިންޑިއާއަށް ރައީސް މުއިއްޒު ވަޑައިގަންނަވާނެ ތާރީހެއް އަދި ނުނިންމަވައެވެ. މިދިޔަ ޖޫން މަހު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިތުރު ދައުރަކަށް އިންތިހާބުވެ ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު މިއީ ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާނެ ދެވަނަ ދަތުރުފުޅެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވިދާޅުވީ މި ވަގުތު ކުރިޔަށް ދަނީ ދެ ގައުމު ވެސް މަޝްވަރާކޮށް ދުވަހެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.
ދާދިފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. ދެ ގައުމުގެ ދެމެދު ރަސްމީ ގިނަ މަޝްވަރާތަކެއް ކުރެވުނު މި ބައްދަލުވުމުގައި، ރާއްޖޭގައި މިވަގުތު ކުރިޔަށް ގެންދާ އެކި މަޝްރޫއުތަކުގެ ތަފްސީލު ޖައިޝަންކަރު ބައްލަވާލެއްވި އެވެ. އަދި ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.
މި ބައްދަލުވުންތަކުގައި ރައީސް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރެ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމުކަމުގައި ވެސް ވިދާޅުވިއެވެ.

