އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިސް ޗުއްޓީން އެނބުރި އައުމަށް ފަހު ކުރިޔަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ދިރާސާ 241 ކޮމިޓީގައި ތާށިވެ، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭތީ މިފަހުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އަދި އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުން ހީނާ ވިދާޅުވީ މި ސަރުކާރަކީ ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ ސަރުކާރު ކަމެވެ. އަދި ރައީސް މުއިއްޒަކީ އެކަމެއްގައި ސީދާ ވިސްނުން ހުރިކޮށް ސީދާ ސާފުކޮށް ހާމަކުރައްވާ ބޭފުޅެއްކަމަށެވެ. އެގޮތުގެ ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ފުރިހަމަ ސްޓޭންޑް ނަންގަވާކަމަށް ހީނާ ވިދާޅުވި އެވެ.
ފަލަސްތީނަކީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުން ދިރިއުޅެމުންދާ ގައުމެއް.. އެހެންކަމުން ފަލަސްތީނާއި މެދުގައި އޮތް އަޅުގަނޑުމެންގެ ސްޓޭންޑެއް ބަދަލެއް ނުވޭ..
ސަރުކާރުގެ ވިސްނުމަކީ އިތުރު ބިލެއް ހުށަނާޅައި، މީކާއިލް ހުށަހަޅުއްވާފައިވާ ބިލަށް ބޭނުންވާ އިސްލާހު ކޮމިޓީ މަރުހަލާގައި ހުށަހެޅުމަށެވެ.
ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމުގެ މަސައްކަތް ފެށިކަން ދިވެހި ސަރުކާރުން އިއުލާނު ކުރުމުން، ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވީހާވެސް އަވަހަށް ފޭބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އިޒްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން، ޑުއަލް ޕާސްޕޯޓު އޮތް މީހުން ވެސް ރާއްޖެ ނައުމަށް އަންގާފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން އިޒްރޭލު ރައްޔިތުން އަންނަނީ، ރާޅާ އެޅުމަށެވެ. އަދި އެ ގައުމުން މިދިޔަ އަހަރު އައީ 10،966 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އޭގެ ކުރީއަހަރު އައީ 15،700 ފަތުރުވެރިންނެވެ.

