މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ޗައިނާގެ ހައިނާންގައި ބޭއްވި ”2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓޫރިޒަމް އިވެންޓް“ ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފިއެވެ.
ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އެހީތެރިކަމާއެކު މި ޝަރަފުވެރި ހަރަކާތް ކުރިއަށް ގެންދިޔައީ ސަންޔާ ސިޓީގެ ބިއުރޯ އޮފް ޓޫރިޒަމް، ކަލްޗާ، ރޭޑިއޯ، ޓީވީ އެންޑް ސްޕޯޓްސް އާއި ސަންޔާ ޓޫރިޒަމް ބޯޑު ގުޅިގެންނެވެ.
މި ހަރަކާތުގައި ރާއްޖޭގެ ވަފުދުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ޢަބްދުﷲ ޤިޔާސް ރިޔާޒާއި ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ (ސީއީއޯ އެންޑް އެމްޑީ) އިބްރާހީމް ޝިއުރީ ހިމެނިވަޑައިގެންނެވިއެވެ. ”ދަ މޯލްޑިވްސް ސްޓޯރީ އެންޑް އިނޮވޭޓިވް ޓޫރިޒަމް މާކެޓިން ފޯ ޓްރޮޕިކަލް ސިޓީސް“ މި މައުޟޫއަށް ޗެއަރޕާސަން މި ހަރަކާތުގެ ތީމެޓިކް ޝެއަރިންގ ބައިގައި ވާހަކަ ދެއްކެވިއެވެ. ޗެއަރޕާސަންގެ ވާހަކައިގައި، ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ މަންޒިލަކަށްވާ ތަފާތު ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެ މަތީ ފަންތީގެ ޓްރޮޕިކަލް ހޮލިޑޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ އިނޮވޭޓިވް މާކެޓިންގ ސްޓްރެޓެޖީތައް ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން، ”އިންސައިޓް ސެޝަންސް: އިންޓަނޭޝަނަލް ޓޫރިޒަމް މާކެޓިންގ“ ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތަޖުރިބާކާރުންގެ ތެރޭގައި ސީއީއޯ އަދި އެމްޑީ ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން ޕަބްލިކް ޕްރައިވެޓް ކޯލަބްރޭޝަންއާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަޕްސްކިލްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަމުގެ އާމްދަނީ ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބެހުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުން ފަދަ މުހިންމު މައުޟޫޢުތަކާ ބެހޭގޮތުން ސީއީއޯ އަދި އެމްޑީ ޝިއުރީ މަޝްވަރާކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީ ބިނާވެފައި ވަނީ ޒިންމާދާރު ފަތުރުވެރިކަމުގެ އުސޫލުތަކާއި ދެމެހެއްޓެނިވި ކުރިއެރުމަށް ޕަބްލިކް ސެކްޓާ އާއި ޕްރައިވެޓް ސެކްޓާގެ މެދުގައި އޮންނަ އެއްބައިވަންތަ ވިސްނުމުގެ މައްޗަށް،“
2024 ޓްރޮޕިކަލް ކޯސްޓަލް ސިޓީ ޓުއަރިޒަމް އިވެންޓުން ވަނީ އެކިއެކި ގައުމުތަކުގެ ފަތުރުވެރިކަމުގެ މާހިރުންގެ ވިސްނުން ހިއްސާކުރުމަށާއި އިންޑަސްޓްރީގެ ފަންނުވެރިންނާއެކު ނެޓްވޯކިންގ ހަރަކާތްތައް ކުރިއަށްގެންދިޔުމުގެ އިތުރުން ޓްރޮޕިކަލް ކޯސްޓަލް ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ފުރުސަތުތައް ހޯދުމަށް އަގުހުރި ޕްލެޓްފޯމެއް ފަހިކޮށްދީފައެވެ.
ތީމެޓިކް ޝެއާރިންގް އާއި އިންސައިޓް ސެޝަންތަކުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިންޑިޖިނަސް ފަތުރުވެރިކަމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ކޮލިޓީއާ ގުޅޭ ކޮންކަރަންޓް ސެޝަންތަކުގެ އިތުރުން ބިޒްނަސް މެޗިން ސެޝަނެއް ވެސް މި ހަރަކާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ ސަބަބުން ފަތުރުވެރިކަން މާކެޓްކުރުމުގައި ރާއްޖެއިން ބޭނުންކުރަމުންދާ ތަފާތު ވިސްނުންތައް ޙިއްޞާކޮށް، ރާއްޖެއިން ފަތުރުވެރިކަން ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަންވަނީ ދައްކާލާދެވިފައެވެ. އަދި ދުނިޔޭގައި ނަގާކިޔާލެވޭ ޓްރޮޕިކަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތު ލިބުނެވެ.

