ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހުގެ މަރުގެ ތަހުގީގާއި ގުޅިގެން ސައްހަ ނޫން މައުލޫމާތު ނުފެރުތުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓާއި ގުޅިގެން ސަމާހް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، މިހާތަނަށް ލިބިފައިވާ މައުލުމާތު އެއްވެސް ފަރާތަކާއި އެހިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށާއި މި ހާދިސާއާއި ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ.
އެހެން ކަމުން ސައްހަކަން ކަށަަވަރު ނުކުރެވޭ މައުލޫމާތު މިސްމީޑިއާގައި އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. މި އެކްސިޑެންޓްގައި ސަމާހްއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާ ނިޔާވީ ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓްވި ކާރު ދުއްވަން ހުރި އައްޑޫސިޓީ ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ހައްޔަރުކޮށްފައެވެ. އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

