ޢާންމު ރައްކާތެރިކަމަށް ބެލުމެއްނެތި ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީން، ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ޙާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޤަވައިދާ ޙިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން، ދިރިއުޅެމުންދާ ތަންތަނާއި އެފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް 10 ސެޕްޓެންބަރ 2024 ގައި ހާއްސަ އޮޕްރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި އެފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އަދި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައިފައިވާ ކަމަށެވެ.

މިގޮތުން ވަކިތަންތަނަށް ހާއްސަކޮށްގެން ފަށާފައިވާ މި އޮޕަރޭޝަންގައި މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދެއްވައިފައެވެ. ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

