ޓޯޔާޑުގައި އޮވެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ތެރެއިން ޖުމްލަ 205 އުޅަނދެއް އުސޫލުގެ ތެރެއިން ނައްތާލާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް 37 ކާރު، 114 ސައިކަލު އަދި 84 ބައިސިކަލް ވަނީ ނައްތާލާފައެވެ. އަދި އޭގެ ތެރެއިން ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 173 އުޅަނދެއް ރީ ލޮކޭޓް ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ފޭސް 1 ކުން ޖުމްލަ 192 އުޅަނދު ވަނީ ޓޯކޮށްފައެެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކޮށްފައިވާ 8 އުޅަނދާއި، ނުރައްކާތެރިކޮށް ދުއްވައިގެން 37 އުޅަނދު އަދި، ލައިސަންސް ނެތިގެން ދުއްވައިފައިވާ 147 އުޅަނދު ހިމެނެއެވެ. ނުރައްކާތެރިކޮށް ދުއްވައިގެން ހުޅުމާލެ ފޭސް 2 ކުން ޖުމްލަ 161 އުަޅަނދެއްވަނީ ޓޯކޮށްފައިވާއިރު، ލައިސެންސް ނެތި ދުއްވައިފައިވާ 140 އުޅަނދު ވަނީ ޓޯކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި އެކި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ 6 ސެޕްޓެންބަރ 2024 ވަނީ އިލްތިމާސްކުރައްވައިފައެވެ.
އޭގެ ތެރޭގައި މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް ވަނީ އެދިލައްވައިފައެވެ.

