މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ކައުންސިލްތަކާއި ގުޅިގެން މަސްވެރިންގެ ދަފުތަރު ފުޅާ ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާގައި ބައިވެރިވެވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އަދި އެ ދެވުޒާރާގެ އިސް ބޭފުޅުންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް އަދި އެ ވުޒާރާގެ ޓީމުން ވަނީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާގޮތުގެ އަދާހަމަ މައުލޫމާތު ދެއްވާފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މަސްވެރިކަމުގެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޯނު ތަކަކަށް ބަހައިލައިގެން، ވުޒާރާގެ ޓީމުތަކާއި ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުތަކާ ގުޅިގެންކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވައި ފައެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ ވުޒާރާ ގުޅިގެން މަސައްކަތްކުރާނެ ޚާއްޞަ ޓީމެއް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށާއި މީގެ އިތުރުން، ކައުންސިލްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ދަފުތަރުގެ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ. އަދި އެ ވުޒާރާގެ ޓީމުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަސްވެރިންގެ ދަފްތަރު ކުރުމަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މަސްވެރިންނަށް ލިބެންޖެހޭ އަސާސީ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަކީ ރައީސްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވައިލުމަކީ އެކަމުގެ ތެރެއިން ކުރެވޭ އެންމެ މުހިންމު އެއް މަޝްރޫއުކަން ފާހަގަކޮށްލެވެ. މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

