ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރު ދުވަސް ފުރުމުގެ ނިޔަލަށް އަމާޒަކީ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ މެމްބަރުން ރެކޯޑު އަދަދަކަށް ދަފްތަރު ކުރުންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކޮށް، ހަރަކާތްތައް ވަރުގަދަ ކުރުމަށް ރައީސް މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން އެ ޕާޓީއަކީ އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓީއަށް ހެދުމަށް ބޭނުންވާކަމަށް ހާމަކުރައްވާފައި ވެއެވެ.
ކުރިޔަށް އޮތް ޕީއެންސީގެ އެތެރޭގެ އިންތިހާބާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާ ގޮތުން ޕާޓީގައި 30،000 މެމްބަރުން އެބަތިބި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި ޕްރޮސެސް ކުރަން ޖެހޭ ގިނަ ފޯމުތައް ހުރިއިރު، މި ވަގުތު ހުރި އެ ފޯމުތައް ހިމަނައިގެން މެމްބަރުންގެ އަދަދު 50،000 އަށް އަރާނެކަމަށް ފަލާހު ލަފާކުރެއްވި އެވެ.
ފަލާހު ވިދާޅުވީ އަމާޒަކީ މި މަސައްކަތުގެ ތެރެއިން ނޮވެމްބަރު މަހުގެ ނިޔަލަށް މެމްބަރުންގެ އަދަދު 75،000 އަށް އެރުން ކަމަށެވެ. އެއާއި އެކު ޕީއެންސީ ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށްކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހުވަނީ ޕީއެންސީ އާއި ޕީޕީއެމްގެ ދެމެދު ތަފާތު ކުރުން ގެންގުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ނޫސްވެރިން ސުވާލު ކުރުމުން ރައްދު ދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތްތަަކުގައި މަސައްކަތްކުރަމުންދަނީ ދެ ޕާޓީ އެކުގައިކަމަށާއި ޕީޕީއެމްއާއި ޕީއެންސީގެ މެމްބަރުންވެސް ސިޓީތަކާއި ރަށްތަކުގައިވެސް މަސައްކަތްތައް ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް މިވަގުތު މަސައްކަތްކުރަމުން ދަނީ ޕީއެންސީއަށް ވަކި އަމާޒެއް ކަނޑައަޅައިގެންކަމަށާއި މަސައްކަތްކުރަމުންދަނީ ވަކި އަދަދަކަށް މެމްބަރުން ހަމަކުރުމަށްކަމަށް މައުލޫމާތު ދެއްވިއެވެ. އެހެންކަމުން ޕީޕީއެމް ހަރަކާތްތެރި ނޫންކަމަށް ބައެއް ފަރާތްތަކަށް ހީވުން އެކަށީގެންވާކަމަށާއި ނަމަވެސް ދެ ޕާޓީ ގުޅިގެން މަސައްކަތްތައް ކުރާކަމަށް ވިދާޅުވިއެވެ.

