ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ 2 އަށް ބަދަލުކޮށްފި އެވެ.
ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ސީއޭއޭ 1 އިން ސީއޭއޭ 2 އަށް ބަދަލުކުރި ސަބަބެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ، ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ހިމެނޭގޮތުން، ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވުމެވެ. އަދި ކުރީ ސަރުކާރުން ޗާޕު ކުރި 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް ރިޕޯޓުގައި ވެއެވެ.
މޫޑިސްގައި އިތުރަށް ފާހަގަކޮށްފައި ވަނީ މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ބަދަލުކުރި ފިޗްގެ ރިޕޯޓްގައިވެސް ފާހަގަކޮށްފައި ހުރި ކަންކަމެވެ. އެގޮތުން ރާއްޖެއަށް ދީފައިވާ ރޭޓިންގ މޫޑީސްއިން ބަދަލުކުރި އިރު، ސަރުކާރުން މިހާރުވެސް ދަނީ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތްވަނީ ފަށާފައެވެ.
މީގެ އިތުރުން، ފިނޭންސް މިނިްސޓަރ ޑރ. މުހައްމަދު ޝަފީޤް ވަނީ ސަރުކާރުން ލަފާކުރި ލަފާންކުރުންތަކަށް ވުރެ ރިޒާވުގެ އަދަދު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝަދާއާއި އެއްގޮތަށް ގެންނަ އިސްލާހީ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އެމްއެމްއޭއިން އާންމުކުރި ތާފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރުގެ އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ހާމަކުރަނީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުމެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އެކުވެރި ދައުލަތަކާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ޚަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

