ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި ހުށަހަޅާ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ކައުންސިލްތަކުގެ ބާރު ކެންޑިގެން ދާކަމަށް ބުނެ ދައްކަމުން ދަނީ ސިޔާސީ ވާހަކަތަކެއްކަމަށް ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް މި އިސްލާހު ގެނެސްފައި ވަނީ ކައުންސިލްތަކުން އެކުލަވާލަން ޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ އެވެ.
އަލަށް ގެނައި އިސްލާހުގައި ވަނީ ތަރައްގީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާއި ގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބުނެފައި ވެއެވެ.
މިއީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ބަދަލުގައި، އެ ބާރުތައް މުށުތެރެއަށް ލުންކަމަށް ސިފަ ކުރާތީ އެކަމުގެ ރައްދަކީ ކޮބައިތޯ ސުވާލު ކުރުމުން ފަލާހު ވިދާޅުވީ ރައީސް މުއިއްޒު ކޮންމެ ނިންމެވުމެއް ވެސް ނިންމަވަނީ އޭގެއިން ރައްޔިތުންނަށް ކުރާނެ މަންފާއަށް ބެލުމަށް ފަހުކަމަށެވެ. އެގޮތުން މި އިސްލާހު ވެސް ފަލާހު ފާހަގަކުރެއްވީ ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވުމަށް ގެނައި ބަދަލެއްގެ ގޮތުގަ އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ލޯކަލް ކައުންސިލްތަކާއި ގުޅޭ ވަކި ވުޒާރާއެއް އުފެއްދުމުން އެއީ އަތޮޅު ވެރިކަމެއް ގެނައުންކަމަށް ބުނެ ބަޔާންތައް ވެސް ނެރުނުކަމަށް ފަލާހު ވިދާޅުވި އެވެ. އެހެން ނަމަވެސް ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމުން އެއީ ރަނގަޅު ބަދަލެއްކަން ރައްޔިތުންނާއި ކައުންސިލްތައް ގަބޫލު ކުރާކަމަށް ފަލާހު ވިދާޅުވި އެވެ.
އަޅުގަނޑުމެން ވެރިކަމަށް އައިސް ލޯކަލް ކައުންސިލްތަކާއި ބެހޭ ވަކި ވުޒާރާއެއް، މިނިސްޓްރީ އޮފް ސިޓީސް އުފެއްދުމުން ވެސް އެކަމަށް ވެސް ވަރަށް ފާޑުކިޔުންކި. އޭގެ ސަބަބުން ކުރީގެ އަތޮޅު ވެރިކަމަށް ބަދަލުވެގެން ދިޔައީކަމަށް ވެސް ބައެއް.. ކައުންސިލްތަކުން ނޫސް ބަޔާން ވެސް ނެރުނު.. ވަރަށް ބޮޑު ކަންބޮޑުވުމަކަށްވެ..
ފަލާހު ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުން ކައުންސިލްތަކަށް އެއްވެސް ގެއްލުމެއް ލިބި، މަސައްކަތުގެ މާހައުލު ގެއްލިގެން ނުދާނެކަމަށެވެ. އަދި ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ބުނެ ދައްކާ ވާހަކައިގައި ހިމެމެނީ ސިޔާސީ ތުހުމަތުތަކެއްކަމަށް ފަލާހު ވިދާޅުވި އެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގައި ވަނީ ދިވެހިރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީ ކުރެވޭނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ބިން ތަރައްގީ ކުރުމުގެ ހުއްދަ ހޯދުމަށްފަހު ކަމަށެވެ.

