ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ބަހަމުން ދާކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައި ވަނީ ހަގީގަތާއި ހިލާފު ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މައި ޕާޓީ ތަމްސީލު ކުރާ މެމްބަރުންނަށް ފައިސާ ބަހާކަމަށް އެކި ތުހުމަތުތައް ކުރި ނަމަވެސް އެކަން ރައީސް މުއިއްޒު ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. އަދި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ވިދާޅުވީ މުލިއާގެ ނުވަތަ ޕާޓީ އޮފީހާއި ދިމްޔާތުގައި ވެސް އެފަދަ އެއްވެސް ފައިސާއެއް ބަހާފައި ނުވާނެކަމަށެވެ.
އޮންލައިން ނޫހެއްގައި މިއަދުގެ ވަގުތެއްގައި އާންމު ކުރި ވީޑިއޯއަކާއި ގުޅިގެން، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ފަތުރަމުންދާ ހަބަރަކީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ގެނެސްފައުވާ ރިޕޯޓެއް ކަމަށެވެ. އަދި މިފަދަ ހަބަރެއް ފެތުރި މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ.
މިއަދުގެ ވަގުތެއްގައި މީޑިއާއަކުން އާންމު ކުރި ވީޑިއޯއެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޕީއެންސީ އޮފީހަށް ވަދެ ނިކުންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް އެއީ ކޮންމެ މަހަކު ވެސް ބަހާ ފައިސާ ބަލައި ދިޔަ މެމްބަރުންކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި ހީނާ ވިދާޅުވީ ރައީސް މުއިއްޒާއި ގުޅުވައި އެއްވެސް އަސްލެއް ނެތް ދޮގު ފަތުރާފައިވާތީ އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް އެދޭކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

