މި އަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.
މީރާގެ މައުލޫމާތުތަކުން ދައްކާ ގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24 އިންސައްތަ މަތީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ 34.5 އިންސައްތަ އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބު ރިޕޯޓުތަކުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓާއި އަޅައިބަލާއިރު، މި އަހަރު އޮގަސްޓު މަހުގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަރުދުން-ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ޖީއެސްޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައިވުމެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހާއި، ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން-ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާކަމަށް ވެސް މައުލޫމާތު ދެއެވެ. އަދި، އޮގަސްޓު 2023 އާއި އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން އޮގަސްޓު 2024 ގައި ލިބިފައިވާ ޓެކުހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، އޮގަސްޓު 2023 އާއި އަޅައިބަލާއިރު އޮގަސްޓް 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 15 އިންސައްތަ އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާ ބުނެފައި ވަނީ އޮގަސްޓު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހުގެ ފައިސާ މީރާއިން ބަލައިގަނެފައިވުމާއި، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ފާއިތުވެފައިވާ ސުންގަޑިތަކަށް ފައިސާ ބަލައިގަނެފައިވުން ހިމެނޭ ކަމަށެވެ. އަދި ޖުލައި 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.3 އިންސައްތަ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
އޮގަސްޓު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 53.3 އިންސައްތަ ނުވަތަ 1.06 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 472.66 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 90.85 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 183.29 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އޮގަސްޓު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.82 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

