ޕީއެންސީގެ އޮފީހަށް ދިޔައީ ޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅުވައިކަމަށް ތުހުމަތުކުރެވޭ މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލީސް މެމްބަރުންނަށް ނަގުދު ފައިސާ ދެމުންދާކަމަށް ބުނެ ދިވެހި ނޫހަކުން ރިޕޯޓެއް ނެރުމާއިއެކު، ސަރުކާރުން ވަނީ އެ ތުހުމަތައް ދޮގުކޮށްފައެވެ. އަދި ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންވެސްވަނީ ނޫހުން ކޮށްފައިވާ ތުހުމަތުތަކަށް އަލިއަޅުވައި އެކްސްގައި ނުރުހުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްމަބަރު އަބްދުﷲ ރިފާއު ވިދާޅުވީ، އެތެރޭގެ އިންތިހާބާއި ގުޅުވައި މެމްބަރުންނަށް ވަރަށް ގިނައިން ޕާޓީ އޮފީހަށް ދާންޖެހޭކަމަށެވެ. އަދި ލިޔާނެއް އެއްޗެއް ނެތްނަމަ ނޫސް ބަންދުކޮށްލުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި އެ ނޫހުން ކޮށްފައިވާ އިންވެސްޓިގޭޝަންއަކީ މީގެ ކުރިން ރައީސް މުއިއްޒުގެ ދޮން މަންމާފުޅާއި ދެމެދު އޮތް ގުޅުމާއި ބެހޭގޮތުންވެސް ދެކެވުނު ފަދަ ވާހަކަތަކެއްކަމަށް ހިއްސާކުރެއްވިއެވެ.
ރިފާއުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސައިންވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާވެސް ގޮސް ޕާޓީ އޮފީހަށް ވަދެ ނުކުމެގެންދާ މަންޒަރު ފެނިގެންދާ ރިޕޯޓުގައި ހިމެނިފައިވަނީ ހުސް ދޮގު ވާހަކަތައް ކަމަށް މުސްތަފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ސަރުކާރުގެ އަގު ވައްޓާލުމުގެ ގޮތުން ހިންގާފައިވާ އަމަލެއްކަމަށާއި މެމްބަރުން ގެންދަވަނީ ރެޔާ ދުވާލު މަސައްކަތްކުރައްވައިގެން ޕާޓީގެ އެތެރޭގެ އިންތިހާބުގެ އިންތިޒާމުތައް ހަމަޖައްސަމުންކަމަށް ހިއްސާކުރެއްވިއެވެ.
މުސްތަފާ ވިދާޅުވީ، މެމްބަރުން ކުރައްވަމުންދަނީ ނޮވެމްބަރުގެ ނިޔަލަށް ޕާޓީގެ ދަަފްތަރުގައި ތިބޭ މެމްބަރުންގެ އަދަދު 75000 އަށް އެރުވުމުގެ މަސައްކަތްތައްކަމަށާއި، އިދިކޮޅުން ނޭދެވޭ އަމަލުތައް ހިންގަމުންދާއިރު ސަރުކާރަށް ތާއީދުކުރާ މެމްބަރުންދަނީ ރައީސް ޑރ މުއިއްޒު އެންމެ ކާމިޔާބު ލީޑަރަށް ހެދުމުގެ މަސައްކަތްތައް ކުރަމުންކަމަށް ވިދާޅުވިއެވެ.

