ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވި ދުވަހުން ފެށިގެން، ސަރުކާރުން ވަކި އަދަދަކަށް ފައިސާ ބަހާކަމަށް ތުހުމަތުކޮށް އެފަދަ ވާހަކަ ދައްކަވަނީ ވިސްނުމުގައި ފައިސާ ނޫން އެއްޗެއް ނެތް މީހުންކަމަށް ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވުމަށާއި، އިންތިހާބުގައިވި ވައުދާއި އެއްގޮތަށް މެމްބަރުންނަށް ދޭކަމަށް އިދިކޮޅުން ތުހުމަތު ކުރަނީ 50،000 ރުފިޔާ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަށް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ފައިސާ ބަހާކަމަށް ތުހުމަތުކޮށް އޮންލައިން ނޫހެއްގައި ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ޕީއެންސީގެ އޮފީހުން މެމްބަރުން ވަދެ ނިކުމެވަޑައިގަންނަވާ މަންޒަރު ފެންނަ އެ ވީޑިއޯގައި ބުނެފައި ވަނީ އެއީ ފައިސާ ބަލައި ދާ މެމްބަރުން ކަމަށެވެ.
މިއީ ފިތުނަވެރި ދޮގު ހަބަރުތައް ފެތުރުންކަމަށް ބުނެ ރައީސް އޮފީހުން ވަނީ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައި ތަހުގީގުކޮށް ދިނުމަށް އެދޭނެކަމަށް ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާއަށް ފަހު ނިކުމެވަޑައިގެންނެވި ވަގުތު ”ސަންގު“ ގެ ސުވާލަކަށް ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުވެ މަސައްކަތް ފެށިފަހުން މިއަދާއި ހަމައަށް ވެސް ވަކި ބަޔަކު އިސްވެ ތިބެ ފަތުރަމުން އައި އެންމެ ބޮޑު ދޮގަކީ މަޖިލިސް މެމްބަރުންނަށް ރައީސް މުއިއްޒު ފައިސާ ދެއްވާކަމަށެވެ. ހުއްޓުމެއް ނެތި މި ވާހަކަތައް ތަކުރާރުކޮށް ދައްކަމުން އައިއިރު، ދާއިރާގެ ރައްޔިތުން ޒިންމާތަކެއް ހަވާލު ކުރީ ކުރާ އިތުބާރެއްގެ މައްޗަށްކަމަށް ވާތީ ކަންބޮޑުވާކަމަށް ފަލާހު ވިދާޅުވި އެވެ.
ޕާލިމަންޓު ގުރޫޕުގެ ހިއްސާ އޮތް އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި މިހާރު ވާނީ ފަލާހު ވިދާޅުވި ގޮތުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމެވެ. އެހެންކަމުން އެކަމުގެ ބޭނުމަށް ޕާޓީގެ އޮފީހަށް މެމްބަރުން މިފަހުން ގިނައިން ގޮސް އުޅޭނެކަމަށާއި، އަދި އޭގެ ކުރިން ވެސް ޕާޓީގެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅޭކަމަށް ފަލާހު ވިދާޅުވި އެވެ.
މެމްބާޝިޕް އިތުރު ކުރުމަށް ވަރަށް މުހިންމު މަސައްކަތެއް ކުރަމުން.. އެހެންވީމަ އެކި ދާއިރާތަކުން ހަސަތޭކައިން، ހަތްސަތޭކައިން ފޯމު ހިފައިގެން.. ދަބަހަށް ލައިގެން، ފޮއްޓަކަށް ލައިގެން، ކޮނޑަށްލައިގެން ވެސް ކޮންމެ ދުވަހަކު، ކޮންމެ ރެއަކު ވެސް ދާނެ.. އެކަމަކު ފިޔާޒަށް މި ހީވަނީ ފޯމެއް ފެނުނަސް، މިއީ ހަމަ ލާރިއޭ.. ކޮތަޅެއް ފެނުނަސް ހަމަ ލާރިއޭ..
ފަލާހު ވިދާޅުވީ މައުލޫމާތާއި ހަބަރުތައް ގެނެސްދެން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިންކަމަށާއި، އެ އިމުން ބޭރުވުމުން އެ ހެދެނީ ގޯހެއްކަމަށެވެ. އަދި މިފަދަ ބޮޑު ތުހުމަތެއް އެޅުވުމުން، ބޮލުގައި އެ އެޅުވެނީ އާދައިގެ ވާހަކައެއް ނޫންކަން ދަންނާން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.
މި މައްސަލައިގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒާއި ގުޅުވައި އެއްވެސް އަސްލެއް ނެތް ދޮގު ފަތުރާފައިވާތީ އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް އެދޭކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

