ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ވިސްނުމުގައި ފައިސާ ނޫން އެހެންކަމެއް ދުވަހަކު ވެސް ގެންގުޅުއްވާ ބޭފުޅެއް ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު ވެސް 50،000 ރުފިޔާ ނުވަތަ 75،000 ރުފިޔާ ބަހާކަމަށް އަޑުތައް ފެތުރުނު ނަމަވެސް އެ ވާހަކަތައް ސަރުކާރުން ދޮގު ކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ 74 މެމްބަރުން ތިބުމާއި އެކު މިއީ މަހެއްގެ މައްޗަށް އެކަނި ބެލި ނަމަވެސް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާކަމަށް ވާތީ އެއީ ތެދަކަށް ވެދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
މި މައްސަލައިގައި ޕާޓީގެ ލީޑާޝިޕާއި ސަރުކާރުން ވެސް އެކި ފަހަރު މަތީން ރައްދު ދީ، އެކަމުގައި ހަގީގަތެއް ނެތްކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި މީޑިއާއަކުން ވަނީ މަޖިލީހުގެ މެމްބަރުން ޕީއެންސީ އޮފީހަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް އެއީ ފައިސާ ބަލައި ދިޔަ މެމްބަރުންކަމަށް ތުހުމަތުކޮށްފަ އެވެ.
މި ވީޑިއޯގައި އެއްވެސް މެމްބަރަކު ފައިސާ ގެންގުޅުއްވާތަން، ނުވަތަ ފައިސާ އެޅި ދަބަހެއް އެއްޗެއް ގެންގުޅުއްވާތަނެއް ނުފެނެ އެވެ.
މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ފަހު، މެމްބަރުން ނިކުންނެވި ވަގުތު ”ސަންގު“ އިން ސުވާލު ކުރުމުން ފަލާހު ވިދާޅުވީ މިއީ ދައުރު ފެށުނީއްސުރެ ހުއްޓުމެއް ނެތި ބަޔަކު އަޑީގައި ތިބެގެން ބަޔަކު ފަތުރަމުން އައި ވާހަކައެއް ކަމަށެވެ. ފަލާހު ވިދާޅުވީ ދައުރު ނިންމައި އެމްޑީޕީ ދިޔައީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްކަމަށާއި، މެމްބަރުން ޕާޓީ ދޫކޮށްދާނެކަމަށް ނުވަތަ މެޖޯރިޓީ ގެއްލިދާނެކަމަށް ބެލެވޭ އެއްވެސް ހާލަތެއް ރައީސަށް ނެތްކަމަށެވެ.
ފައިސާ ދީ މެމްބަރުން ހިފަހައްޓަނީ ފަލާހު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެޖޯރިޓީ ކިރިޔާ ލިބިފައި އޮންނަ ސަރުކާރުތަކުންނެވެ. އެހެންކަމުން އެކަން ކުރެއްވި ބޭފުޅުންނަށް އެފަދަ ހީއެއް ހީވި ނަމަވެސް ރައީސް މުއިއްޒަކީ ކޮރަޕްޝަނާއި ދުރު ބޭފުޅެއްކަމަށް ފަލާހު ވިދާޅުވި އެވެ.
އާންމު ކުރި ވީޑިއޯއާއި، މެމްބަރުންގެ މައްޗަށް މިދިޔަ ހަތް މަސް ދުވަހު ކުރެވުނު ތުހުމަތުގެ އަޑީގައި ހުންނެވީ ފަލާހު ވިދާޅުވި ގޮތުން ކުރީގެ ރައީސް ޔާމީނެވެ. ފައިސާ ނޫން އެހެން ވާހަކައެއް ރައީސް ޔާމީނަށް ދައްކަން ވެސް ނޭނގޭނެކަމަށާއި، އެ ނޫންކަމެއް ވިސްނުމަށް ވެސް ނާންނާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ރައީސް މުއިއްޒަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ރިޝްވަތު ދިނުމުގެ ވިސްނުމުގައި މަސައްކަތް ކުރައްވާ ވެރިއެއް ނޫންކަމަށެވެ. މީގެ ކުރިން ވެރިކަން ކުރެއްވި ބައެއް ބޭފުޅުންނަކީ އެފަދަ ބައެއް ނަމަވެސް، ރައީސް މުއިއްޒަކީ ކޮރަޕްޝަނާއި ދުރު ބޭފުޅެއްކަމަށް ފަލާހު ވިދާޅުވި އެވެ.
ހަގީގަތުގައި މިކަމުގެ އަޑީގައި ހުންނާނީ ޔާމީނު.. ޔާމީނު މި (…) ނޫހަށް ފައިސާ ދީގެން، މި ހުރިހާ ސަކަރާތެއް މި ޖަހަނީ.. އެއީ ޔާމީނަށް ނުދެއްކޭނެ ފައިސާ ނޫން ވާހަކައެއް ވެސް.. ފައިސާއޭ ދުލުން ބޭރުވާ ހުރިހާ އެއްޗަކީ ވެސް.. ޔާމީނަށް.. ވެސް ހީވާނީ އަޅުގަނޑުމެން މިތާ ކޮތަޅެއް ގެންގުޅުނަސް ވެސް.. މާރުކޭޓުން މަހެއް ގަތަސް ފައިސާ ބަހަނީއޭ..
ފަލާހު ވިދާޅުވީ މައުލޫމާތާއި ހަބަރުތައް ގެނެސްދެން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިންކަމަށާއި، އެ އިމުން ބޭރުވުމުން އެ ހެދެނީ ގޯހެއްކަމަށެވެ. އަދި މިފަދަ ބޮޑު ތުހުމަތެއް އެޅުވުމުން، ބޮލުގައި އެ އެޅުވެނީ އާދައިގެ ވާހަކައެއް ނޫންކަން ދަންނާން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.
މިއީ ފިތުނަވެރި ދޮގު ހަބަރުތައް ފެތުރުންކަމަށް ބުނެ ރައީސް އޮފީހުން ވަނީ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައި ތަހުގީގުކޮށް ދިނުމަށް އެދޭނެކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒާއި ގުޅުވައި އެއްވެސް އަސްލެއް ނެތް ދޮގު ފަތުރާފައިވާތީ އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް އެދޭކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

