އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ ޢާއިލާއެއް ޙާލުގައި ޖައްސައިފި ކަމަށް ސޯޝަލްމީޑިއާގައި ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އާސަންދައިން ބުނެފިއެވެ.
އާސަންދައިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންގޮސްފައިވާ މީހެއްކަމަށެވެ.
އެގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ އެމީހާއަށް ހަމަޖައްސައިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އާސަދައިން ބުނެފައިވަނީ އޭނާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކީމިކް އެންސެފަލޯޕެތީއަށް ކަމަށެވެ. އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިންގ ތެރަޕީ އަދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ 14 މާރިޗު 2024 ގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ބަލިމީހާގެ ޙާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، އޮގަސްޓު 18 އާއި ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން އެޕްރޫވަލް ދީފައި ވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި ޢާއިލާއާއަށް ވާހަކަ ދައްކާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީފައިވާ ކަމަށާއި ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު 3 ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް ޢާއިލާއާ ވާހަކަދައްކާފައިވާކަމަށް ވަނީ ބުނެފައެވެ.
18 އޮގަސްޓު 2024 ގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދު ތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު، ބިލަށް ޖުމްލަ އަރާފައިވަނީ 89،339.91 އެމެރިކާ ޑޮލަރެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައެވެ.

