ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ފަސް އަހަރުގެ ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ޚަރަދު އެވްރެޖްކޮށް %65 އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
މާލީ ވުޒާރާއިން ބުނެފައިވަނީ، އާސަންދަ ކުންފުނި އުފައްދައި ދަޢުލަތުގެ ބަޖެޓުން ސިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން އާއްމުންނަށް ޚިދުމަތްދޭތާ މިހާރު 13 އަހަރު ވެފައިވާކަމަށާއި އަދި ތޭރަ އަހަރުދުވަސް ތެރޭގައި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ދަނީ އާސަންދައަށް ހޭދަކުރަމުން ކަމަށެވެ. އެގޮތުން ބަޖެޓުން ދޭ މާލީ އެހީތެރިކަން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ދައުލަތުގެ ބަޖެޓް އަދި އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 2.8 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާއިރު މީގެ ތެރެއިން 998 މިލިއަން ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ. އަދި 2023 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާއިރު އޭގެ ތެރެއިން 1.1 ބިލިއަން، ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި އެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރު ޕްރައިވެޓް މަރުކަޒުތަކުން އާސަންދައަށް 2 ބިލިއަން ބިލްކޮށްފައިވާއިރު 2023 ގައި އެ އަދަދު 2.3 ބިލިއަނަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ޚަރަދު އެވްރެޖްކޮށް %65 ވަނީ އިތުރުވެފައެވެ.
އަސަންދައިގެ މުޅި ނިޒާމަށް ކުރާ ޚަރަދުގެ 35 އިންސައްތައަކީ ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސް އަށް ކުރާ ޚަރަދެވެ.
ރާއްޖޭގައި ވިއްކާ ބޭހުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ހުރި އެވްރެޖް އަގުތަކާއި އަޅާބަލާއިރު 15 ގުނަ ބޮޑެވެ. އަދި މިސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު އެދަދު 70 ގުނަ ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ސަރުކާރުން ވަނީ ބޭހުގެ އަގަށް އެދެވޭ ބަދަލެއް އަންނާނެފަދަ ނިންމުމެއް ނިންމާފައެވެ.
ޔޫއެންޑީޕީގެ އެހީއާއި އެކު ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމުން ބޭހުގެ އަގު މިހާރު ހުރިވަރަށް ވުރެ ބޮޑުތަން ކުޑަވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ކުރިމަގުގައި އާސަންދައިން ބޭހަށް ކުރާ ހޭދައިން ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

