ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް އިތުރަށް ދަށްކުރާނެކަމަށް ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީ މޫޑީސްއިން ބުނެފިއެވެ.
ދާދި ފަހުން މޫޑީސްއިންވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް ދަަށްކޮށްފައެވެ.
އެހެންނަނަމަވެސް ސަރުކާރުންވަނީ ދިވެހިރާއްޖެއިން އޮކްޓޫބަރު މަހު ދައްކަންޖެހޭ ދަރަނި އަދާކުރެވޭނެކަމަށް ބުނެފައެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ދާދި ފަހުން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން މޫޑީސްއިންވަނީ ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މޫޑީސް އިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، އިތުރަށް ޑައުންގްރޭޑް ކުރުމަށް ނިންމާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދިވެހިރާއްޖެ ބަނގުރޫޓުވެދާނެކަމުގެ ބިރު ވަރަށް ބޮޑަށް އޮތުމުންކަމަށެވެ.
އެ އިދާރާއިން ހާމަކުރިގޮތުން. ސީއޭއޭ2 އަށް ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް ދަށްކުރުމާއިއެކު އިތުރު ޑައުންގްރޭޑެއް ކުރުމަށް ރިވިއުއަށް ފޮނުވާފައިވެސްވާކަމަށެވެ.
އެ އިދާރާއިން ބުނެފައިވާގޮތުން މި ޕްރޮސެސްއަށް ގާތްގަޑަކަށް ތިން މަސް ނަގައެވެ. އަދި ބަލިކަށި އެކްސްޓާނަލް ލިކުއިޑިޓީގެ މައްސަލަތައް ފައިނޭންސިންގް ނުލިބިއްޖެ ހާލަތެއްގައި އިތުރަށް ގޯސްވެގެންދާނެކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން 2026 އިސްލާމިކް ބޮންޑު ނުވަތަ ސުކޫކަކީ ދިވެހިރާއްޖެއިން ލިސްޓުކޮށްފައިވާ ހަމައެކަނި ފިކްސްޑް އިންކަމް ވަސީލަތެވެ. އަދި އެންމެ ފަހުން ކުރި ޑައުންގްރޭޑްގެ ސަބަބުން މާ ބޮޑެތި ލޮޅުންތަކެއް ނައިނަމަވެސް ޖޫން މަހުގައި ޑޮލަރަކަށް ނުވަދިހަ ފަސް ސެންޓު ޖެހުނު ބޮންޑުގެ އަގު މިހާރު ހަތްދިހަ ސެންޓާއި ގާތަށް ވެއްޓިފައިވާކަމަށް ބުނެފައިވެއެވެ.
މޫޑީސްއިން ބުނެފައިވާގޮތުން ކުރިއަށް އޮތް ރިވިއުގައި ބަލާނީ ދިވެހިރާއްޖެއަށް ބޭރުގެ ފައިނޭންސިންގް ކަށަވަރުކުރެވޭތޯކަމަށެވެ. އަދި މައިގަނޑުގޮތެއްގައި ބަލާނީ އެކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ކިބައިން ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރިޒާވުގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިކަން ލިބިގެންދޭތޯކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މޫޑީޒްއިން އަންދާޒާކުރާގޮތުން އޮގަސްޓު ނިމިގެންދިއިރު ރަނާއި އައިއެމްއެފް ސްޕެޝަލް ޑްރޯއިން ރައިޓްސް ނުހިމަނާ ދިވެގިރާއްޖޭގެ ފޮރިން ރިޒާވުގައި ހުންނާނީ 437 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށެވެ. އަދި އެއީ ދޮޅުމަސް ދުވަހަށް ބޭނުންވާ މުދާ އެތެރެކުރުމަށް ބޭނުންވާނެ މިންވަރަށް ފައިސާކަމަށްވެސް ބުނެފައިވެއެވެ.

