ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ ގޮތަކަށް ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ބިނާވެށި ޕްލޭންކޮށް ހިންގުމާއި ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގައިމު ކުރުމަށް ސަރުކާރުން ހުށަހަޅައި އެންމެ ފަހުން ފާސް ކުރި އެއް ބިލަކަށް ވާނީ ބިނާވެށި ފްލޭން ކުރުމާއި ހިންގިންގުމުގެ ގާނޫނެވެ. ޑިސެމްބަރު މަހުގެ 8 ގައި އަމަލު ކުރަން ފަށާ މި ގާނޫނުގައި ބިނާވެށި ޕްލޭންކޮށް ހިންގުމާއި ގުޅޭ އުސޫލުތަކާއި ޕްލޭނިން އިދާރާތަކުން އެކުލަވާލައި ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި ގޮތަކެއްގައި ބިނާވެށި ތަރައްގީކުރުމާއި ގުޅޭ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.
ގާނޫނުގެ ދަށުން ލާމަރުކަޒީ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސް ތަސްދީގު ކުރައްވާފަ އެވެ. ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން އިންތިޒާމު ކުރުމަށްޓަކައި ހުށަހަޅާ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން އެ އިސްލާހު ގެނެސްފައި ވަނީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.
އެއާއި އެކު އެ ތަނެއްގެ ތަރައްގީއާއި ގުޅުން ހުރި ޕްލޭން ކައުންސިލުން ހަދައި ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތަށްކަމަށް ބަޔާން ކުރި އެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، ތަރައްގީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމާއި އަތޮޅު ކައުންސިލާ ހިއްސާކުރުން، އަދި ކަމާބެހޭ ގާނޫނުގެ ދަށުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ފިޒިކަލް ޑިވެލޮޕްމަންޓު ޑިވެލޮޕްމަންޓް ޕްލޭނާއި ރަށުގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ހިމެނެ އެވެ.
ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންކަމަށް ގާނޫނުގައި ބުނެފައި ވަނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށް، އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލާ ”އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން“ އަށް ނުވަތަ ދިވެހިރާއްޖޭގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށް ނުވަތަ ސަރަހައްދަކަށް، އެ ރަށެއް ނުވަތަ ސަރަހައްދެއް ނިސްބަތްވާ ސިޓީ ކައުންސިލުން އެކުލަވާލާ ”ސިޓީ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން“ އަށެވެ. އޭގެ މަގްސަދަކީ ވަކި ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ވަކި ސަރަހައްދެއްގެ ތަބީއީ ކުރިއެރުމާއި ތަރައްގީ ދުރުރާސްތާއެއްގައި ޕްލޭން ކުރާނެ ގޮތުގެ އިރުޝާދު ފޯރުކޮށްދިނުމެވެ.
ގިނަ ބަޔަކު ކަންބޮޑުވަނީ އިސްލާހުގައި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާއި، ބިނާތަކާއި ނުއުފުލޭ ހަރުމުދާ، ކައުންސިލްތަކުން ބޭނުންކުރަން ވާނީ ސަރުކާރުން އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބުނާތީ އެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގެ ބިން ބޭނުންކުރަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން އެކުލަވާލާ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭނާއި، އެ ކައުންސިލުން ހަދާ، ކަމާބެހޭ ގާނޫނުގެ ދަށުން ފާސްކުރާ އެ ރަށެއް ނުވަތަސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބުނެފައި ވާތީ އެވެ.
މި ގާނޫނު ބުނާ ގޮތުގައި ކައުންސިލަށް މިލްކުވެގެންވާ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، ހުސްކޮށްހުރި ބިންތައް އަދި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އެކި ކަންކަމަށް ބޭނުންކުރެވޭނެ ބިމުގެ ދަފްތަރެއް އެ ކައުންސިލަކުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ވާނެ އެވެ.
ބިނާވެށި ގާނޫނުގައިވާ ގޮތުން، ރޭވުންތެރިކަމާއެކު، ދެމެހެއްޓެނިވި އަދި ހެޔޮގޮތުގައި ދިވެހިރާއްޖޭގެ ބިން ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޕްލޭނިންގ އިދާރާތަކުން، އެ އިދާރާއެއްގެ އިހްތިސާސް ހިނގާ ސަރަހައްދަކަށް ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނެއެވެ.
ތަރައްގީކުރާ ސަރަހައްދުތަކުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނީ ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ޕްލޭންތައް އެކުލަވާލަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
މީގެއިތުރުން ވަކި ސިޓީއަކަށް ނުވަތަ ރަށަކަށް އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނީ އެ ސިޓީއަކަށް ނުވަތަ ރަށަކަށް ނިސްބަތްވާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައެވެ. އަދި އަރބަން ސަރަހައްދުތަކަށް ނުވަތަ އިގްތިސާދީ ހާއްސަ ސަރަހައްދުތަކަށް ނުވަތަ ސިނާއީ މަށްރޫއެއް ހިންގުމަށް ކަނޑައަޅާ ސަރަހައްދުތަކަށް އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނީ އެ ސަރަހައްދެއް ނިސްބަތްވާ ލޯކަލް ކައުންސިލްތަކުގެ ހިޔާލާއި މަށްވަރާއާ އެކުކަމަށް ގާނޫނުގައި ވެއެވެ.
ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތަކުގެ ތެރޭގައި ރީޖަނަލް މާސްޓަރ ޕްލޭނާއި، ސިޓީ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އަދި އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންއާއި، އާބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ހިމެނެ އެވެ. މީގެތެރެއިން ކައުންސިލް މަސައްކަތް ކުރަން ޖެހެނީ އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންއަށެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ތަސްދީގު ނުކުރަން ކައުންސިލުތަކުގެ ޖަމިއްޔާ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ސަރުކާރަށް ހުށަހެޅި އެވެ. އެ އިސްލާހުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭނަކީ ބިނާވެށީގެ ބިލުގެ ދަށުން ހަދާ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭނުގެ ބައެއްގެ ގޮތަށް ވަނީ ބަދަލުވެފައެވެ.

