ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫ އަށް ފެން ޕްލާންޓެއް ހޯދުމުގައި އެކުންފުނިން އަމަލުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ކުންފުންޏާއި މެދު އަސްލެއް ނެތް ދޮގު ޚަބަރު ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެ ކުންފުނީގެ އަގު ވައްޓާލުމަށް ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ސިޔާސީ ފަރާތްތަކުން އަޑީގައި ތިބެ ހަލަބޮލިކަން އުފައްދައި، މަސައްކަތް ކުރަނީ ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކަމަށާއި އެކަން ކާމިޔާބުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި އެކުންފުނި ދެމި އޮންނާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ތިނަދޫ އާބާދީގެ ޑިމާންޑާއި އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވެފައި ވަނީ ތިނަދޫ ސިޓީއަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބެރުނު ބަޔާނުގައި ވެއެވެ.
އެގޮތުން އެސިޓީގައި މިހާރު ޚިދުމަތް ދެމުންގެންދާ ފެން ޕްލާންޓުން އެކަނި ޚިދުމަތް ދޭންޖެހުމުން ޚިދުމަތް މެދުކެނޑި ފާއިތުވެދިޔަ ދެމަސް ތެރޭގައި 3 ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަންޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފެނުގެ ޚިދުމަތަށް ބުރޫއަރާ ކޮންމެ ފަހަރަކު ތިނަދޫ ސިޓީގެ ރައްޔިތުންނަށް އެތަށް ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ފާއިތުވި 2 މަސްދުވަހު ތިނަދޫ ސިޓީ އަށް ފެން ފޯރުކޮށްދިނުމަށް 4.5 މިލިއަން ރުފިޔާ ހޭދަކުރަންޖެހުނު ކަމަށް ފެނަކައިން ވަނީ ބުނފައެވެ. އަދި އެރަށުގައި ފެނުގެ ކެޕޭސިޓީ އިތުރު ނުކުރެވިއްޖެނަމަ ކޮންމެ މަހަކު ވެސް ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ތަކުލީފު އެ ރަށުގެ ރައްޔިތުން ކުރިމަތިލާކަން ވަނީ ފާހަގަކުރައްވައިފައެވެ.
ފެނަކައިގެ ބަޔާނުގައިވާ ގޮތުން ތިނަދޫއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އާ ފެން ޕްލާންޓެއް ހޯދުމަށް، އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް ހުށަހެޅުމުން އެކަމަށް ފަސް ހަފްތާ ނަގާނެކަމަށް އެމްޑަބްލިއުއެސްސީ ބުނާކަމަށެވެ. އަދި ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައި ވާތީ، އެ ކުންފުނީގެ ވެންޑަރުންގެ ތެރެއިން އެ ހިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް އާރް.އެފް.ކިޔު (ރިކުއެސްޓް ފޯ ކުއޯޓް) ކުރެވުނު ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. ފެނަކަ އިން ބުނީ ތިނަދޫގައި ފެން ޕްލާންޓް ގާއިމްކުރުމުން 600 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށެވެ.

