ހުދުމުހުތާރު ދުވަސްތަކާއި ދިމާލަށް ސޮއްސާލުމާއި ގާތަށް ދިވެހިރާއްޖޭގެ ކަންކަން ގޮސްފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެސީގެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ޑިމޮކްރެޓިކް އަސާސްތަކަށް ދޭ އަހަމިއްޔަތުކަން އައު ކުރަން ޖެހޭ ކަމަށެވެ. އެއީ ރާއްޖެ ޑިމޮކްރަސީގެ މަގަށް ދިގު ދަތުރެއް ކުރި ނަމަވެސް އެ މަސައްކަތަށް ނިމުމެއް ނާންނާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިއަދު އަނެއްކާވެސް ޑިމޮކްރަސީގެ މަގުގައި ރާއްޖެ ފަހަތަށް ސޮއްސާލާފައި ވާތީ، އެ ކާމިޔާބީގެ މިނިވަންކަން ރައްކާ ކުރަން ޖެހިފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ އެ މިނިވަންކަން ހިމާޔަތްކުރަން ޖެހޭކަމަށާއި އެ ނޫންނަމަ ހުދުމުހުތާރު ފަރާތްތަކުން އެ ކަންކަން އަތުލައިގަތުމުގެ ފުރުސަތު އޮންނަކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި އެންމެނަށްވެސް އެކަށޭނެ ހަމަ ހަމަ މުޖުތަމައެއް ގާއިމުކުރުމަށް އޮންނަ ފިކުރު އަދިވެސް ވަރުގަދަ ކަމަށްވުމުން އުންމީދު ކަނޑާލަން ނުޖެހޭކަމަށެވެ.
މީގެއިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސް ފާހަގަކުރާއިރު ދިވެހިރާއްޖެ އަނބުރާ ހުދުމުހުތާރުކަމުގެ ތެރެއަށް އެނބުރިދާކަމުގެ އަލާމަތްތައް ފެންނަކަމަށެވެ.
ޝާހިދު ވިދާޅުވީ، ޑިމޮކްރެސީގެ އަސާސްތަކާއި ތަރައްގީއާއި ގުޅިފައިވާކަމަށެވެ. އެހެންކަމުން ހޯދާފައިވާ ކުރިއެރުންތައް ގެއްލިގެން ނުދާކަން ޔަގީންކުރުމަށްޓަކައި ސަމާލުވާންޖެހޭކަމަށާއި މިނިވަންކަމާއިއެކު ބަސް ބުނުމުގެ ހައްގުތައް ކަށަވަރުވެފައި އޮތުމަށް ވަކާލާތުކުރަންޖެހޭޚަމަށެވެ. ޝާހިދު ވިދާޅުވީ އެއްވެ އުޅުމާއި ހެލިފެލިވެ އުޅުމުގެ މިނިވަންކަމުގެ އިތުރުން އިންސާނީ ހައްގުތަކަށާއި ގާނޫނީ ބާރުވެރިކަން ދެމެހެއްޓުމަށްވެސް ވަކާލާތުކުރުން މަތީ ދެމިތިބެންޖެހޭކަމަށެވެ.

