”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް 490 އަށް ވުރެ ގިނަ މައްސަލަ ހުށައަޅައިފައިވާއިރު އެ މައްސަލަތަށް ބަލަމުން އަންނަކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިމިގްރޭޝަނުން ވަނީ ތަޢާރަފްކޮށފައެވެ. މި ޕްލެޓްފޯމު ތަޢާރަފް ކޮށްފައިވަނީ ޖުލައި 17 ގައެވެ. މި ޕްލެތްފޯމް މެދުވެރިކޮށް ޤަވައިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހުށައެޅޭނެ އެވެ. އިމިގްރޭޝަނުން މިހާތަނަށް ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3542 ބިދޭސީއަކު ރާއްޖެއިން ވަނީ ފޮނުވައިލައިފައި ވެއެވެ.
”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންނާއި ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. އިމިގްރޭޝަނުންވަނީ ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތަށް ޝޯސަލް މީޑިއާއަށް ހިއްސާ ކުރުމުގެ ބަދަލުގައި، ސީދާ އިމިގްރޭޝަނާއި އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ. އަދި އެ ޕްލެޓްފޯމް މެދުވެރިކޮށް މައުލޫމާތާ ފޮޓޯވެސް ހުށައެޅޭނެ އެވެ.
ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ސިލްސިލާކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދަމުން ނެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ހައްލު ކުރުމެވެ.

