އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ވޭތުވެދިޔަ 5 އަހަރުގެ މުއްދަތު ތެރޭގައި އެއްވެސް ވަރަކަށް ދައްކައިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ކުންފުނިތަކާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ނާޡިމް ވިދާޅުވީ، ފެނަކަ ކުންފުނި އެސްޓީއޯގެ ދަށަށް ގެންނަން ނިންމައިފައިވާއިރު، މުހިންމު ނިންމުންތައް ނިންމުމަށްޓަކައި ހާއްސަ އާންމު ޖަލްސާ ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެެވެ. އަދި އެކަމުގެ ހުއްދަ އެ ކުންފުނީގެ ބޯޑުން ފާސް ކުރަންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނާޡިމް ވިދާޅުވީ، ފެނަކަ އެސްޓީއޯ ދަަށަށް ގެންދިއުމަކީ ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އަދި އެސްޓީއޯއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް ފެނަކަ ކުންފުނީގެ ޙާލަތު ރަނގަޅު ކުރެވިއްޖެނަމަ، ފެނަކަ އެސްޓީއޯ ދަަށަށް ގެންދިއުމަކީ ރަނގަޅު ނިންމުމެއް ގޮތުގައި ޤަބޫލުކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ އެހެންކަމުން ފެނަކައިން އެސްޓީއޯއަށް ދައްކަންޖެހޭ 2.2 ބިލިއަން ރުފިޔާގެ މުޤާބިލުގައި ފެނަކައިގެ 100 ޕަސެންޓް ހިއްސާ އެސްޓީއޯއިން ގަންނަން މަސައްކަތް ކުރައްވަމުންދާ މަންޒަރު މިހާރު އަޅުގަނޑުމެންނަށް ފެންނަނީ އެސްޓީއޯގެ ތަޖުރިބާގެ ބޭނުންކޮށްގެން ފެނަކައިގެ ކަންތައް ރަނގަޅު ކުރެވިއްޖެނަމަ، މިއީ ރަނގަޅު ނިންމުމަކަށް ވާނެ“ ނާޡިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޡިމް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ތަކުގެ މައްސަލަތައް ދިމާވި ޙާލަތުގައި، އެ ކުންފުނީގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖޭގައި ނެތް ކަމަށެވެ. އޭގެ ތެރޭގައި އޮޕްރޭޝަން އިންސްޕެކްޓަރ އާއި ކުރެޑިޓް ކޮންޓްރޯލް މެނޭޖަރ އަދި ރިސްކް މެނޭޖަރ ހިމެނިގެންދާ ކަމަށް މެމްބަރ ވިދާޅުވިއެވެ. އެހެންކަމުން ދަޢުލަތުގެ ހިއްސާވާ ކުންފުނިތަށް ހަރުދަނާ ކުރާނެ ގޮތްތަކާމެދު ވިސްނާލުން މުހިންމު ކަމަށް ނާޡިމް ވިދާޅުވިއެވެ. އަދި ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތުން ކުންފުނިތަކުގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރ ކުރުން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނާޡިމް ވިދާޅުވީ ބެންކް އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނަށް މުސާރައިގެ ގޮތުގައި ގޮތުގައި 15 ހާސް ހޭދަވާ ކަމަށެވެ. އެހެން ކަމުން ބީއެމްއެލްގެ އިސް މާޤާމުތަކަށް ދިވެހިން ގެނެއުން މުހިންމު ކަމަށް ވަނީ ފާހަގަކުރައްވައި ފައެވެ.
މީގެ އިތުރުން، ބީއެމްއެލްގެ އެއްވެސް ކޮންޓްރޯލެއް ނެތި އެގޮތަށް ހިނގަމުންދާ ކަމަށް ވާނަމަ އެ ދުވަހު ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވުން އެކަށީގެންވާ ކަމަށް މެމްބަރ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑުގެ މެންބަރުން މަދުވެފައިވާތީ އާ ބޯޑު މެންބަރުން އައްޔަންކުރަން އެކްސްޓްރާ އޯޑިނަރ ޖެނެރަލް މީޓިން އެއް ބާއްވަން ބޭންކުން ހޮނިހިރު ދުވަހަށް ތާވަލުކޮށްފައި އޮއްވާ ބޭންކްގެ ސީއީއޯ މަގާމުން ވަނީ އިސްތިއުފާދެއްވާފަ އެވެ. އެހެން ކަމުން އާ ސީއީއޯއެއް އައްޔަންކުރަން އިތުރު އީޖީއެމް އެއް ބާއްވަން ޖެހޭނެ ކަމަށް މެމްބަރ ވިދާޅުވިއެވެ.

