އަމިއްލަ އަންހެން ދެ ދަރީންނާއި، އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އަމިއްލަ ދެ ދަރިންނާއި، ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓު ލިބި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިމަން ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދެއް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
މި މައްސަލައިގައި ބަލަން ޖެހޭކަންކަން، ބަލައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށް، އެ ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް އެނގޭނެހެން އެއްވެސް މައުލޫމާތެއް އާންމު ނުކުރެވޭނެ އެވެ.
މިއީ މި ހަފްތާގައި ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެ ފުލުހުން މީހަކު ހައްޔަރު ކުރި ތިންވަނަ މައްސަލައެވެ.
މި ހަފްތާގައި ފުލުހުން ވަނީ ނުކުޅެދުންތެރިކަން ހުރި މީހަކަށް ޖިންސީ ގޯނާ ކުރި އުމުރުން 57 އަހަރުގެ މީހެއް ވެސް ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. މި މައްސަލައިގައި މީހަކު ހައްޔަރު ކުރީ އިއްޔެ ނަމަވެސް، ފުލުހުން ފޮނުވި މެސެޖުގައިވާ ގޮތުން އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 14 ގަ އެވެ. ނޫސްވެރިން ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ފަސް މަސް ދުވަސް ނެގި ސަބަބާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
މި ހަފްތާގައި ދެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. މި މައްސަލަ ފުލުހުންނާއި، ޖެންޑާރ މިނިސްޓްރީ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

